އިއްޔެ ހަވީރު 06:00 އިން ފެށިގެން އަވަށްޓެރި ސްރީލަންކާގައި އިއުލާންކޮށްފައިވާ ކާފިއުގެ އަމުރާ ހިލާފުވިކަމުގެ ކުށުގައި 8 މީހަކު ހައްޔަރުކޮށްފައިވާކަމަށް ސްރީލަންކާ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް މިފަހަރު ގެންދިޔަ 8 މީހުންނަކީވެސް ކާފިއުގެ އަމުރު އިއުލާންކޮށްފައިވަނިކޮށް ޕާޓީ ކުރަމުންދިޔަ 8 މީހުން ކަމަށް ޚަބަރު ލިބެއެވެ. ކާފިއުގެ އަމުރު ތަންފީޒުކުރަން ފެށުމުގެ ކުރިންވެސް ސްރީލަންކާއިންވަނީ ޕާޓީކުރަމުންދިޔަ 18 މީހަކު ހައްޔަރުކޮށްފައެވެ. މިމީހުންވެސް ހައްޔަރުކޮށްފައިވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލަންކާއިން އަޅަމުންދާ ފިޔަވަޅުތަކަށް ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ.

ސްރީލަންކާގެ ޑެޕިއުޓީ އިންސްޕެކްޓާ އޮފް ޕޮލީސް އަޖީތު ރޮހާނާ ވިދާޅުވީ، ކާފިއުގެ އަމުރާ ހިލާފުވާ ފަރާތްތަކުގެ މައްޗަށް، ހަރުކަށިކަމާއެކު ގާނޫނު ތަންފީޒުކުރެވިގެންދާނެ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން އިއުލާންކޮށްފައިވާ އަމުރުތަކާ ހިލާފުވާ ފަރާތްތަކުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލުން ނެއްޓި ގިނަ ބަޔަކު އެ ބަލީގެ ޝިކާރައަކަށްވެއްޖެނަމަ ލަންކާއިން ސިއްހީ ވަސީލަތްތައް ހުސްވެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރުވެސް، އެ ގައުމުގެ ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ދެމުންނެވެ.

ލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 73 އަށް އަރާފައިވާއިރު، 3 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިއުޅޭ ގައުމަށްވާއިރު، ލަންކާ ސަރުކާރުގެ އަމުރުތަކަށް ބޯލަނބާ، ކިޔަމަންވުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުންވަނީ ގޮވާލާފައެވެ.