ދެކުނު އޭޝިއާ ސަރަހައްދުގައި މިދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން މި ސަރަހައްދުގެ އިއްތިހާދީ ގުޅުން (ސާކު)ގެ މެމްބަރު ގައުމުތަކަށް އެހީވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިސްނަންގަވައިގެން އެކުލަވާލެއް ކޮވިޑް-19 އެމާޖެންސީ ރިލީފް ފަންޑަށް، ދިވެހި ރާއްޖެއިން 2 ލައްކަ ޑޮލަރު ދިނުމަށް ނިންމާފައިވާކަން، ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

ކޮވިޑް-19ގެ ކުއްލި ހާލަތުގެ އެހީގެ ފަންޑަށް ރާއްޖެއިންވެސް ފައިސާ ހަދިޔާ ކުރަން ނިންމިކަން ޓްވިޓާ މެދުވެރިކުރައްވާ ހާމަކުރައްވަމުން މިނިސްޓަރު ޝާހިދު ވަނީ މިފަދަ ކަމަކަށް މޯދީ އިސްނެންގެވީތީއާ، އިންޑިއާއިން 10 މިލިއަން ޑޮލަރު ހަދިޔާ ކުރުމަށް ނިންމިކަން ފާހަގަކުރައްވާ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސާކު ގައުމުތަކުގެ ވެރިންނާއެކު ވީޑިއޯ ކޮންފަރެންސްގައި / ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19އަށް ހާއްސަކޮށްގެން ސާކް އެމާޖެންސީ ރިލީފް ފަންޑެއް އިއުލާންކޮށްފައިވަނީ، މިމަހުގެ 15 ދުވަހު ސާކް ގައުމުތަކުގެ ލީޑަރުންނާއެކު މޯދީ އިސްނަންގަވައިގެން ކުރިއަށް ގެންދެވި ވީޑިއޯ ކޮންފަރެންސްގައެވެ. މި ފަންޑަށް އެހީ ފޯރުކޮށްދޭނެކަން އިންޑިއާއާއި ރާއްޖޭގެ އިތުރުން ނޭޕާލްއާއި ބޫޓާންއިންވެސް ވަނީ ހާމަކޮށްފައެވެ.

މޯދީގެ މި އިސްނެންގުވުމަށް އެމެރިކާގެ ދިފާއީ ވަޒީރު މައިކް އެސްޕާވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.