ޗެނަލް13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓު ލިމިޓެޑަށް އަންގުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން އެންގި އެންގުމަކީ މިނިވަން ނޫސްވެރިކަމަށް ފާޅުގައި ހުރަސް އެޅުން ކަމަށް ގަބޫލުކުރާ ކަމަށާއި އެ ޕްރޮގްރާމުގައި ގެނެސްދިން ވާހަކައަކީ އަހުލާގީ މިންގަނޑާއި ހިލާފުވާ ވާހަކައެއް ނަމަ، ފިޔަވަޅު އަޅަންވާނީ އެކަމަށް ކަމަށެވެ. ނަމަވެސް މުޅި ޕްރޮގްރާމް އެއްކޮށް ހުއްޓާލަން އެންގުމަކީ ވަރަށްވެސް ނާތަހުޒީބު ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

ބްރޯޑްކޮމް އިން މިގޮތަށް އަންގާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ޗެނަލް13 ގެ "މަޑިސީލަ" ޕްރޮގްރާމުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ދިވެއްސަކު އޮތް ކަމަށާއި އެކަން ހާމަ ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. މިކަމާއި ގުޅިގެން ބްރޮޑްކޮމްއިން ބުނެފައި ވަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ބެލުމަށްފަހު މަޑިސީލަ ޕްރޮގްރާމް ހުއްޓާލަން ނިންމާފައި ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ނިމެންދެން ކަމަށެވެ.

އަދި މި މުއްދަތުގައި ރާއްޖޭގެ އާންމު ސިއްހީ ނުރައްކަލުގެ މިހާލަތުގައި ކޮވިޑް 19 އާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އަންގާފައެވެ.

މިއަދާއި ހަމައަށްވެސް ކޮވިޑް19 އިން ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 13 މީހުންނެވެ. އެ މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންނާއި ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސް ތިބި ފަތުރުވެރިންނެވެ.