ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާ އަވަށްޓެރި އިންޑިއާގައި 14 ގަޑިއިރަށް ކާފިއުގެ ހާލަތު އިއުލާން ކުރުމަށް ނިންމައިފިއެވެ.

އަންނަ އާދީއްތަ ދުވަހުގެ ހެނދުނު، އިންޑިއާ ގަޑިން 07:00 އިން ފެށިގެން ހޯމަ ވިލޭރޭގެ 09:00ގެ ނިޔަލަށް މުޅި އިންޑިއާގައި ފުރިހަމަ ކާފިއުއެއް އިއުލާންކޮށް ތަންފީޒުކުރަން ހަމަޖެހިފައިވާ އިއުލާން ކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއެވެ.

29 މިނެޓް ވަންދެން ގައުމާ މުހާތަބުކުރައްވާ ތަގުރީރުކުރައްވަމުން މޯދީ ވަނީ އިންޑިއާގެ ހުރިހާ ރައްޔިތުން މި ކާފިއުއަށް އިހުތިރާމް ކުރުމަށް އަމުރުކުރައްވާފައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އިންޑިއާގައި އޮތް އިރު އާދީއްތަ ދުވަހުގެ ކާފިއު އަމުރަކީ އިންޑިއާގައި މިވަގުތު ތިބި ބިދޭސީންގެ މައްޗަށްވެސް ލާޒިމުވާ އަމުރެއް ކަމަށް މައުލޫމާތު ލިބެއެވެ.

މޯދީ ވިދާޅުވީ މި ކާފިއުއަކީ ގައުމީ މަސްލަހަތު އެކުލެވޭ ކަމެއް ކަމަށާ، މިއީ މުސްތަގުބަލުގައި ކުރިމަވެދާނެ ގޮންޖެހުންތަކަކަށް ތައްޔާރުވުމަށް ލިއްބައިދޭނެ ފުރުސަތެއް ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާއިން މިހާރުވެސް ދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 201 އަށް އަރާފައެވެ. މި ބަލީގައި އެގައުމުން 5 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.