2012 ވަނަ އަހަރަށް އަލްވަދާއު ކިއުމަށް ތައްޔާރު ވަމުން ދަނިކޮށް މުޅި ދުނިޔެހެން ސިއްސުވާލީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިންގި ރަހުމުކުޑަ ޖަރީމާއެއްގެ ޚަބަރުންނެވެ. ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި މަރާމާރީ ހިންގާ، ޖިސްމާނީ ގޮތުން ގެއްލުން ދެނިވި ހަމަލާތަކެއް ދިނުމަށް ޖިންސީ ގޯނާކޮށް، ގުރޫޕަކުން 23 އަހަރުގެ ދަރިވަރު 'ނިރްބާޔާ'ގެ "ދުވަސްދުއްވާލި" ޚަބަރުންނެވެ.

އެ ރޭ ލިބުނު ވޭނުގައި 13 ވަރަކަށް ދުވަހު އޮތުމަށްފަހު މި ދުނިޔެއަށް 'ނިރްޔާބާ' އެންމެ ފަހު ނޭވާ ދޫކޮށްލި ފަސްގަނޑުގައި، އެ ޖަރީމާ ހިންގި 4 މީހުން، ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވާއިރު، މިކަމުގައި އެންމެ ފުން އިހުސާސްތަކެއް ކުރަމުންދާނެ އެކަކީ ނިރްބާޔާގެ މަންމަ އާޝާ ދޭވީއެވެ.

"ސުޕްރީމް ކޯޓުން އައި ގޮތަށް އެންމެ ފުރަތަމަވެސް ދަރިފުޅުގެ ފޮޓޯލޯގަނޑުގައި ބައްދާލީ. އަދި ދަރިފުޅަށް އިންސާފު ލިބިއްޖެކަމަށް ބުނިން" އާޝާ ކިޔައިދިނެވެ.

ދަރިފުޅަށް އިންސާފު ލިބުނު ކަމަށް ގަބޫލުކޮށްގެން ހުރި މަންމަގެ ހިތުގައި މިހާރު ޖޯޝުވަނީ ވަރުގަދަ ވެފައެވެ. އެފަދަ ކަމެއް ދެވަނަ ދަރިއަކަށް ދިމާ ނުވޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް އާޝާ ދަނީ ކުރަމުންނެވެ.

"ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މީހުންނާ މެދު ލަސްނުކޮށް ހުކުމް ތަންފީޒުކުރެވިގެންދާނެ މަގު ތަނަވަސްކޮށްދިނުމަށް ގައިޑްލައިންތައް ނެރެދިނުމަށް ސުޕްރީމް ކޯޓުގައި އެދޭނަން" ސާބިތު ކަމާއެކު އާޝާ ބުންޏެވެ.

ނިރްބާޔާގެ ރޭޕްގެ މައްސަލާގައި 2013 ވަނަ އަހަރު މަރުގެ ހުކުމް އިއްވި 4 މީހުންވަނީ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އިންޑިއާގެ ގާނޫނު އަސާސީއިން ތަންދޭ ފުރިހާ ފުރުސަތެއްގެ ބޭނުން ހިފާ، އެންމެ ފަހު ދުވަހާ ޖެހެންދެން އެކަން ތަންފީޒުވިޔަދިނުން ފަސްކުރުވާފައެވެ.

"އެންމެފަހުން މިއޮތީ އިންސާފު ލިބިފަ. މިހާރު ހަމަ ޔަގީނުންވެސް އަންހެނުންނަށް ރައްކާތެރިކަން އިހުސާސް ކުރެވޭނެ" ނިރްބާޔާގެ މަންމަ ބުންޏެވެ.

ނިރްބާޔާގެ ބައްޕަ ބުނީ އިންސާފު ލިބޭނެ ދުވަހަކަށް މަޑުކޮށްގެން ތިބި ތިބުމަކީ ވޭންދެނެވި، ހިތްދަތި ދުވަސްތަކެއް ކަމަށެވެ. އަދި މި ދުވަހަކީ، ނިރްބާޔާއަށް އިންސާފު ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާނެ ކަމަށާ އެހެން މީހުންވެސް މި ދުވަސް މި ގޮތަށް ފާހަގަކޮށްދިނުމަށް އެދޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނިރްބާޔާގެ މަރުގެ މައްސަލާގައި ދަންޖައްސާ މަރާފައިވަނީ އަކްޝޭ ޓާކޫރު، ވިނޭ ޝަރުމާ، ޕަވާން ގުޕްތާ އަދި މުކޭޝް ސިންހްއެވެ. މި ރޭޕްއާއި ގުޅިގެން 6 ފިރިހެނަކު ހައްޔަރުކުރިއެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ވަނީ 2013 ވަނަ އަހަރުގެ މާޗްމަހު، ޖަލުގައި އަމިއްލައަށް މަރުވެފައެވެ. ދެން ހުރީ ކުށްކުރިއިރު 18 ނުފުރޭ ފިރިހެނެއްކަމުން، ގާނޫނުގެ ދަށުން އޭނާއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ކަމަށްވާ 3 އަހަރުގެ ރިފޯމް ފެސިލީޓީ ބަންދުގައި ހުކުމް ތަންފީޒު ކުރުމަށްފަހު އޭނާ ވަނީ މިނިވަންވެފައެވެ.