އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2012 ވަނަ އަހަރު ދަރިވަރަކު ރޭޕްކޮށް މުޅި ދުނިޔެ ސިއްސުވާލީ 'ދިއްލީ ގޭންގް-ރޭޕް' ނުވަތަ މީޑިއާގައި 'ނިރްބާޔާ ރޭޕް'ގެ ނަމުން ނަންދީފައިވާ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ 4 މީހުންގެ މައްޗަށް އެ ހުކުމް ތަންފީޒުކޮށްފިއެވެ.

އަކްޝޭ ޓާކޫރު، ވިނޭ ޝަރުމާ، ޕަވާން ގުޕްތާ އަދި މުކޭޝް ސިންހްގެ މައްޗަށް، އަވަސް ނިޔާ ކޯޓަކުން 2013 ވަނަ އަހަރު އިއްވި މަރުގެ ހުކުމާ އެކު، ދިއްލީގެ ތިހާރު ޖަލުގައި މި 4 މީހުން މަރާފައިވަނީ ދަންޖައްސައިގެންނެވެ.

ނިރްބާޔާ ރޭޕް މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ 4 މީހުން/ފޮޓޯ: އިކޮނޮމިކް ޓައިމްސް އިންޑިއާ

ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށް، ލޮކްޑައުން ހާލަތަށް ޖަލު ގެނައުމަށްފަހު ހުކުމް ތަންފީޒު ކުރުން ކުރިއަށް ގެންދިއުމުގެ ކުރިން، ދަންޖެހުމުގެ ހުކުމް އަމަލީ ގޮތުން ތަންފީޒު ކުރުމުގައި ހަރަކާތްތެރިވި އޮފިޝަލު ވަނީ، ޖަލުގެ އޮފިޝަލުންނާއެކު ބައްދަލުވުމެއް ބާއްވާފައި ކަމަށް ޚަބަރު ލިބެއެވެ.

4 މީހުން ދަންޖައްސައިގެން މަރާފައިވަނީ، އެމީހުންގެ ޖިސްމާނީ އަދި މެޑިކަލް ރިޕޯޓްތަކަށް ބެލުމަށްފަހު އެއީ 'ފިޓް' ނުވަތަ ހެޔޮހާލުގައި ތިބި ބައެއްކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

ސޮލިސިޓާ ޖެނެރަލް ތުޝާރު މެހްތާ ވިދާޅުވީ، މަރުގެ ހުކުމް އިއްވާފާއިވާ މީހެއްގެ މައްޗަށް ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން އާއިލީ ބައްދަލުވުމަކަށް ފުރުސަތު ދިނުމަށް ޖަލުގެ ގަވައިދުތައް ހުއްދަ ނުދޭ ކަމަށެވެ.

ނިރްބާޔާ ރޭޕް މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ މުކޭޝް ކުމާރު ސިންހް (މ)/ފޮޓޯ: އަވާ ބިޓްކޮއިން ނިއުސް

ނިރްބާޔާ ރޭޕް މައްސަލާގައި 4 މީހުންގެ ފަރާތުން ތަކުރާރުކޮށް އިސްތިއުނާފަށް މައްސަލަތައް ހުށަހަޅަމުންދިޔަ ނަމަވެސް، ބުރާސްފަތި ދުވަހުވެސް ދިއްލީގެ ޕާޓިއާލާ ހައުސް ކޯޓުން ވަނީ އެ މައްސަލަތައް ބޭރުކޮށްލާފައެވެ. މި 4 މީހުންވަނީ ރައީސްގެ މައާފު ލިބޭތޯވެސް މަސައްކަތްކޮށްފައެވެ.

ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި މަރާމާރީ ހިންގާ، ޖިސްމާނީ ގޮތުން ގެއްލުން ދެނިވި ހަމަލާތަކެއް ދިނުމަށް ޖިންސީ ގޯނާކޮށް، ގުރޫޕަކުން ރޭޕްކުރި 23 އަހަރުގެ ދަރިވަރު މަރުވީ، އެ ވޭނުގައި 13 ދުވަހު، ކްރިޓިކަލް ހާލެއްގައި އޮތުމަށްފަހުގައެވެ.

އިންޑިއާގެ ގާނޫނު ބުނާ ގޮތުން އެ އަންހެން ކުއްޖާގެ ނަން ހާމަ ނުކުރެވޭއިރު، މީޑިއާއިން އެ ޒުވާނާއާއި މުހާތަބު ކުރަނީ 'ނިރްބާޔާ' ނުވަތަ 'ބިރުކުޑަ ޒުވާނާ'ގެ ގޮތުގައެވެ.

ނިރްބާޔާ ރޭޕް މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ވިނޭ ޝަރުމާ (މ)/ފޮޓޯ: ގާބްރޫޑޮޓްކޮމް

މި ރޭޕްއާއި ގުޅިގެން 6 ފިރިހެނަކު ހައްޔަރުކުރިއެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ވަނީ 2013 ވަނަ އަހަރުގެ މާޗްމަހު، ޖަލުގައި އަމިއްލައަށް މަރުވެފައެވެ. ދެން ހުރީ ކުށްކުރިއިރު 18 ނުފުރޭ ފިރިހެނެއްކަމުން، ގާނޫނުގެ ދަށުން އޭނާއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ކަމަށްވާ 3 އަހަރުގެ ރިފޯމް ފެސިލީޓީ ބަންދުގައި ހުކުމް ތަންފީޒު ކުރުމަށްފަހު އޭނާ ވަނީ މިނިވަންވެފައެވެ.

2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ދިޔައިރު މުޅި ދުނިޔޭގެ ސަމާލުކަން އެ ހާދިސާއަށް ހުއްޓުނެވެ. އަދި އެކި ފަރާތްތަކުން ކުރިމަތިކުރަމުންދިޔަ ފިއްތުންތަކާއެކު، ރޭޕްކުރުމާ ދެކޮޅަށް އިންޑިއާގައި އާ ގާނޫނުތަކެއްވެސް ފާސްކުރުމަށް މަޖުބޫރުވެސްވިއެވެ.

އިންޑިއާގެ ތާރީހަށް ބަލާއިރު މަރުގެ ހުކުމް ތަންފީޒު ކުރާތީ ފެނިފައިވަނީ މަދު ފަހަރަކުއެވެ. 2004 ވަނަ އަހަރަށްފަހު އެގައުމުގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1993 ވަނަ އަހަރު މުމްބާއީއަށް ދިން ބޮމުގެ ހަމަލާތަކުގައި ދައުވާ ލިބުނު ޔައުގޫބު މައިމޫންގެ މައްޗަށެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.