މާލޭގައި ހިންގި މާރާމާރީ އަކާ ގުޅިގެން ކުޑަކުއްޖަކާ 2 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގެ މަޖީދީ މަގު ހީނާމާގެ ކުރިމަތީގައި ހިންގި މާރާމާރިއާ ގުޅިގެން 2 މީހަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށާއި ރޭ ފަތިހު އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
މާލޭ މަގުމަތީގައި 5 މީހަކު މާރާމާރީއެއް ހިންގި މައްސަަލައެއް ފުލުހުން ބަލަން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މަޖީދީމަގު ހީނާމާގެ ޕާކިން ޒޯން ކައިރީގައި ސައިކަލެއްގައި ދިޔަ މީހަކާމެދު 4 މީހުންގެ ގްރޫޕަކުން މާރާމާރީ ހިންގާފައިވާ މައްސަލައެއް ކަަމށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ހުރި އާންމުންގެ މީހަކު ވަނީ އެ މަންޒަރު ވިޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ. އެ ވީޑީއޯއިން ފެންނަނީ މަލޭ ގަލޮޅު ބޯޅަ ދަނޑު ކައިރި ހީނާމާގެ ހިމެނޭ ސަރަހައްދުގެ ކަންމަތީގައި ދެ ސައިކަލެއް ވެއްޓިފައި އޮންނަ ތަނެވެ. އަދި ބިންމައްޗަށް ވެއްޓިފައި އޮންނަ މީހެއްގެ ގައިގައި ހަތަރު މީހަކު ވެގެން އަތުންނާއި ފައިން ތަޅާ އަނިޔާ ކުރާ މަންޒަރެވެ.
ބިންމައްޗަށް ވެއްޓިފައި އޮތް މީހާ އެމީހުންގެ ހަމަލާތަކުން ސަލާމަތް ވުމަށް އަތާއި ފައި ހޫރާ މަންޒަރު ފެނެއެވެ. ދުވާލުގެ ވަގުތެއްގައި ގަލޮޅު ބޯޅަ ދަނޑު ކައިރީ މި މާރާމާރީ ހިންގާފައިވާ އިރު މާރާމާރީ ހުއްޓުވުމަށް އެ ސަރަހައްދުން އެއްވެސް މީހަކު ގޮސްފައި ނުވެއެވެ. އެ މާރާމާރީ ހިންގި ވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ އުޅަނދުތަކާއި ހިނގާފައި ދިޔަ މީހުން ވީޑިއޯއިން ފެނެއެވެ.
އެ ހާދިސާ ހިންގިތަނަށް ފުލުހުން ދިޔައިރު މި މައްސަލައިގައި ޝާމިލްވާ އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން ބުނެފައި ވެއެވެ.