ކުރިއަށް އޮތް ދެ މަހުގެ ކަރަންޓު އަދި ފެން ބިލް ސަބްސިޑައިޒް ކުރަން ނިންމައިފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އެކި ފަރާތްތަކަށް ލިބެމުންދާ ދަތިތަަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ކުރިއަށް އޮތް އޭޕްރިލް އަދި މެއި މަހުގެ ކަރަންޓް އަދި ފެން ބިލު ކުޑަކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ދެ މަހުގެ ފެންބިލުން 30 ޕަސެންޓް ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ނިންމާފައި ވެއެވެ. އަދި ކަރަންޓު ބިލުން 40 ޕަސެންޓް ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ނިންމާފައި ވެއެވެ.
ހަމައެއެއާއެކު، އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮ ކުރުމަށްވެސް ވަނީ ނިންމާފައި ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެކަމުގެ ތަފްސީލް އެސްޓީއޯ އިން ހާމަކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރިކަރަންޓް ހަރަދުން އެއްބިލިއަން ރުފިޔާ ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ހަރަދު ކުޑަކުރެވޭނީ ބޭރުގެ ދަތުރު ފަތުރާއި މަރާމާތާއި ހިންގުމުގެ ހަރަދު އަދި ހަރުމުދާ ގަތުން ފަދަ ކަންކަމުން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމާއި، މަސްވެރިކަމަށް ލޮޅުން ތަކެއް އައިސްފައިވާ އިރު ޖުމްލަގޮތެއްގައި އިގްތިސޯދީ ހުރިހާ މަސައްކަތްތަކަށް މިހާރުވެސް ދަނީ ނޭދެވޭ އަސަރު ކުރަމުންނެ. މިކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އަންދާޒާ ކުރި ވަރަށް ވުރެ ދަށްވާނެ ކަމަށް ބެލެވޭ އިރު ވިޔަފާރިތަކުގެ ކޭޝް ފްލޯއަށް ދަތިވެ ވިޔަފާރި ހިންގުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އަންދާޒާ ކުރެވޭ ރާއްޖޭގެ އިގްތިސޯދީ ދުވެލި ދަށްވާނެތީ ދައުލަތަށް 2020 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީ 2-1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާ އާ ދެމެދު ދަށްވާނެއެވެ.