ދެކުނު އޭޝިއާ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅުން ހުރި މަސައްކަތުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ސިއްހީ އެހީތެރިންނާ، އިންސާނީ އެހީދޭ ފަރާތްތަކަށް ރައްކާތެރިކަމާ ހިމާޔަތް ދޭނެ ކަމަށް އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނު ޖަމާއަތުން ހާމަކޮށްފިއެވެ.

މިކަން ބަޔާންކޮށް ތޯލިބާނު ޖަމާއަތުން އާންމުކުރި ބަޔާނެއްގައި އެ ޖަމާއަތުން ވަނީ ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކަށް ކޮންމެހެން ބޭނުންޖެހިފައިވާ ސިއްހީ ބޭސްފަރުވާގެ ސަމާނު ފޯރުކޮށްދިނުމަށް ސިއްހީ އެހީދޭ ޖަމިއްޔާތަކަށް ގޮވާލާފައެވެ.

ތޯލިބާނުންވަނީ ކޮވިޑް-19އަކީ އިންސާނާގެ ނުކިޔަމަންތެރިކަމާ، ކުށްފާފަތަކަށް އަރައިގަންނަމުންދިއުމުގެ ސަބަބުން "ހެއްދެވި ފަރާތުން ފޮނުއްވި ކޯފާއެއް"ގެ ގޮތުގައި ސިފަކޮށްފައި ކަމަށް އަލް-ޖަޒީރާއިންވަނީ ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން އެހީ ބޭނުންވާކަމަށް ތޯލިބާނު ޖަމާއަތުން ހާމަކޮށްފައިވާއިރު، ނާޒުކު ހާލަތުގައި އޮތް ސަރަހައްދުތަކަށް ސިއްހީ އެހީތެރިން ދިއުމަށްޓަކައި ހަމަލާތައް ހުއްޓާލާ، އެކަމަށް މަގުފަހިކޮށްދިނުމަށް، އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީގެ އަރިސް އޮފިޝަލެއް ކަމަށްވާ ވަހީދު އުމަރު ވަނީ ތޯލިބާނު ޖަމާއަތަށް ގޮވާލާފައެވެ.

އަފްގާނިސްތާނުގައި 22 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 1 ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. މި ބަލީގައި އެގައުމުން އަދި މިހާތަނަށް މީހަކު މަރުވެގެން ރިޕޯޓްކޮށްފައެއް ނުވެއެވެ.