ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެމެރިކާގެ އިމިގްރޭޝަނުންވެސް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާނެ ކަމަށާ، އެމެރިކާގެ ހިމާޔަތަށް އެދި އެގައުމަށް ވަންނަ ފަރާތްތައް ބްލޮކް ކުރާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ހިމާޔަތަށް އެދިގެން ހިޖުރަކުރާ ފަރާތްތައް އަނބުރާ ފޮނުވާލުމުގެ މަސައްކަތްތައް، އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި މިހާރުން މިހާރަށްވެސް ތަންފީޒު ކުރަން ފަށާފައި ވާކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ.

މިއީ އެމެރިކާގެ އަދުގެ ސަރުކާރުން ކުރަން އިންތިހާއަށް ބޭނުންވެފައި އޮތް ކަމެކެވެ. ނަމަވެސް އަދާ ޖެހެންދެކަށްވެސް ސަރުކާރުން ބޭނުންވާ ދަރަޖާގައި އެކަން ނުކުރެވި އޮތީ، ގާނޫނީ ފުށުން އެރުންތަކެއް ހުރުމާ، ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ކަންތައްތަކެއް އެ ނިންމުމުގައި އޮތީމައެވެ.

މިފަދަ ދަނޑިވަޅެއްގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ސަރަހައްދީއިން ބަންދު ކުރަމުންދާ އޮއެވަރެއްގައި ދުނިޔެ ޖެހިފައިވާއިރު، އެމެރިކާ އިމިގްރޭޝަނުން އެ ފުރުސަތުގެ ބޭނުން ހިފާ، މެކްސިކޯ ބޯޑަރުން އެމެރިކާއަށް ހިޖުރަކުރާ ފަރާތްތައް އަނބުރާ ފޮނުވާލަން ފަށާފައިވާއިރު، ސަރަހައްދީ އިން ހުރަސްކުރާ އެމެރިކާ ރައްޔިތުންނާ، އެމެރިކާއިން ދާއިމީ ރަށްވެހިކަން ހޯދާފައިވާ ފަރާތްތަކަށް ބޯޑަރު ހުރަސްކުރެވޭނެ ކަމަށް އޮފިޝަލުން ވިދާޅުވެފައެވެ.

މިކަމާ ބެހޭ ގޮތުން އެމެރިކާގެ ބަހެއް ހޯދުމަށް މީޑިއާއިން ސުވާލު ކުރުމުން އެ ވުޒާރާގެ ތަރުޖަމާނު ހެދާ ސްވިފްޓް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވިސްނުންފުޅު ހުރީ، އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެޅެން ހުރި ހުރިހާ ފިޔަވަޅެއްވެސް މިވަގުތު އޮތީ ޓްރަމްޕްގެ މޭޒުކޮޅު މަތީގައި ކަމަށާ، ނިންމަވަންޖެހިއްޖެ ކޮންމެ ކަމެއް ނިންމަވާނެ ކަމަށެވެ.

މިހާތަނަށް އެމެރިކާ 6522 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 116 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. މެކްސިކޯއިން 63 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމަށް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.