ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާއިރު، ލޯނު އަދާ ކުރުމުގެ ގޮތުން ކަސްޓަމަރުން ދައްކާ ފައިސާ ނެގުން ކުރިއަށް އޮތް 6 މަސް ދުވަހަށް ހުއްޓާލުމަށާ، ވިޔަފާރިތަކަށް ވާކިންގް ކެޕިޓަލް އުސޫލުން ލޯނު ދޫކުރާ ރޭޓަކީ 4 ޕަސެންޓް ކަމުގައި ކަނޑައެޅުމަށް، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ، އެގައުމުގެ ބޭންކުތަކަށް އަމުރުކުރައްވައިފިއެވެ.

ޓީވީ މެދުވެރިކުރައްވާ ގައުމާ މުހާތަބުކުރައްވާ ވަހާކަފުޅުދައްކަވަމުން ރާޖަޕަކްސަ ވިދާޅުވީ، ބޭންކުތަކާ މާލީ އިދާރާތަކަށް ލޯނު އަދާ ކުރުމަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެއް ކަމަށެވެ.

ކަންމިހެން އޮތްއިރު، 2019 ވަނަ އަހަރުގެ އޭޕްރިލް މަހު ސްރީލަންކާއަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޭންކުތަކުން ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ލޯނު އަދާކުރުމަށް އޮތް މުއްދަތަށް މައާފުދީ، ލުއިތަކެއް ދީފައެވެ.

ކޮވިޑް-19އާ ގުޅިގެން ސްރީލަންކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ބާޒާރުގައި ބައެއް ކަހަލަ މުދާ ވިއްކޭނެ އެންމެ މަތީ އަގުތައްވެސް ރައީސް ވަނީ ކަނޑައަޅުއްވާ، އާންމުކޮށް އިއުލާންކުރައްވާފައެވެ.