އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ) އަކީ ހުރިހާ ދީނެއްގެ މީހުންނަށް ކުރިމަތިވާ ފުރައްސާރަކުރުންތަކަށް ރިއާޔަތް ކުރުމަށް ފަރުމާކުރި 'އިސްލާހެއް' ނޫންކަމަށް ހިންދޫންގެ މެޖޯރިޓީ އޮންނަ އިންޑިއާގެ ބީޖޭޕީ ސަރުކާރުން، އެގައުމުގެ ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ސީއޭއޭގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލުތަކެއް އުފައްދާ، އިންޑިއާގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އިންޑިއާ ސަރުކާރުން ބުނީ، މި އިސްލާހަކީ އިންޑިއާގެ އަވަށްޓެރި މުސްލިމު ގައުމުތަކުގައި އެ ނޫން ދީންތަކުގެ މީހުންނަށް ކުރިމަތިމާ 'ފުރައްސާރަ'އަށް ހައްލެއް ހޯދާ ދިނުމަށް، ވަރަށް ހަނި މޭރުމަކުން ފަރުމާ ކުރި 'އިސްލާހެއް' ކަމަށެވެ.

ސީއޭއޭއަކީ ދީނީ ތަފާތުކުރުންތަކަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ 'އިސްލާހެއް' ކަމަށް ބުނެ، އިންޑިއާގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެގޮތުން މުސްލިމުންގެ އިތުރުން ޔަހޫދީންނާ ޝީޢީންނަށްވެސްމި ގާނޫނުން ހާއްސަ ފުރުސަތެއް ލިއްބައިނުދޭ މައްސަލަ އޮތީ ބޮޑުވެފައެވެ. މި ތުހުމަތުތަކަށް ސުޕްރީމް ކޯޓުގައި އިންޑިއާގެ ސަރުކާރުން ޖަވާބުދާރީ ވަމުން ބުނީ، މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހިނގާ މިފަދަ ފުރައްސާރަކުރުންތަކަށް ރިއާޔަތްކޮށްގެން ގެނައި އިސްލާހެއް ނޫންކަމަށެވެ.

އިންޑިއާގެ ސަރުކާރުން ސުޕްރީމު ކޯޓަށް ދިން 129 ސޮފުހާގެ ބަޔާނުގައި، އިންޑިއާގެ ސަރުކާރުންވަނީ ވަކި ތާރީހެއްގައި، ވަކި ގައުމަކަށް ނިސްބަތްވާ، ވަކި ދީނީ ފިކުރެއްގެ ބަޔަކަށް އިންޑިއާއިން ހިމާޔަތާ ރައްކާތެރިކަން ލިބޭދޭ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނެއް ކަމަށްވަނީ އިއުތިރާފުވެފައެވެ.

ސީއޭއޭއަކީ އިންޑިއާގައި ރެފިއުޖީންގެ ގޮތުގަޔާއި އެނޫންވެސް ޣައިރު ގާނޫނީ ގޮތް ގޮތަށް ދިރިއުޅެމުންދާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހި ކޮށްދޭ ގާނޫނެކެވެ. މި ގާނޫނުގެ ދަށުން، އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ބަންގްލަދޭޝް އާއި އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާނު ދަރިކޮޅަށް ނިސްބަތްވާ ހިންދޫންނާއި ޖެއިން އަދި ބުދިސްޓުންނާ ސިކުން އަދި ފާރިސީންނާ ކުރިސްޓިއަނުންވެސް ލިބިގެންވެއެވެ.

ސީއޭއޭއާ ދެކޮޅަށް އިންޑިއާގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށްދާއިރު އާންމުންގެ ގިނަ ބައެއްގެ ފުރާނަވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ގިނައީވެސް މުސްލިމުންނެވެ.