އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އަވަށްޓެރި އިންޑިއާގެ ފިލްމީ ސިނާއަތުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމައިފިއެވެ.

ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް އެ ސިނާއަތުގެ ހުރިހާ މަސައްކަތްތަކެއް ހުއްޓާލާނެ ކަމަށެވެ.

ގިލްޑްގެ ސީއީއޯ ކުލްމީތު މައްކާރު ބުނީ މިއީ މުޅި ސިނާއަތުން އިއްތިފާގުވާ ނިންމުމެއް ކަމަށާ، ހާލަތު މޮނިޓާ ކުރަމުންދާނެ ކަމަށެވެ.

ސަރަހައްދީ ތަފާތު 20 ބަހުރުވައަކުން އަހަރަކު ގާތްގަނޑަކަށް 2000 އެއްހާ ފިލްމު އުފައްދާ އިންޑިއާގެ ފިލްމީ ސިނާއަތަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު އަދަދުގެ ގޮތުން މިފަދަ އެންމެ ވަރުގަދަ، އަދި އެންމެ ބޮޑު ސިނާއަތެވެ.

ފަހުގެ ތާރީހަށް ބަލާއިރު ބޮލީވުޑްގެ މަޝްހޫރު ތަރިންވަނީ ކޮވިޑް-19އަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ސޯޝަލް މީޑިއާ މެދުވެރިކޮށް ފަށާފައެވެ. އެގޮތުން އަމީތާބު ބައްޗަން ވަނީ ސަރުކާރުން ދޭ އިރުޝާދުތައް ހިމަނައިގެން އޭނާގެ ފޭނުންނަށް ޅެމެއްވެސް ގެނެސްދީފައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 129އަށް އަރާފައިވާއިރު 3 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.