ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާ އަވަށްޓެރިން އިންޑިއާގައި މި ރޯގާ ޖެހިގެން މަރުވި މީހުންގެ އަދަދު 3 އަށް އަރައިފިއެވެ.

ކޮވިޑް-19ގެ ޝިކާރައަކަށް ވެ، އިންޑިއާއިން އެންމެ ފަހުން މީހަކު މަރުވެގެން ރިޕޯޓް ކޮށްފައި ވަނީ މި ރޯގާގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކުރަމުންދާ މަހާރާސްތްރާ ސްޓޭޓުންނެވެ.

މަހަރާސްތްރައިން މަރުވި މީހަކީ 64 އަހަރުގެ އަންހެނެއް ކަމަށާ، އެމީހަކީ އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް އަދި ފިލްމް ސިޓީ މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާ ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. ކަންމިހެން އޮތްއިރު، އިންޑިއާގެ ޔޫނިއަން މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް މިވަގުތު ހުންނެވީ ސެލްފް ކަރަންޓީނުގައި، ޓްރިވެންޑްރަމްގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހަމަ މިއާއެކު، އުއްތަރަހާންދްގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސްވެސް ހުންނެވީ ސެލްފް ކަރަންޓީނުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ޓޭމިލް ނާޑޫއިންވަނީ އެ ސްޓޭޓްގެ ޖަލުތަކުގައި ތިބި ގައިދީންގެ އާއިލީ ބައްދަލުވުންތައް، ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް ނުދޭން ހަމަޖައްސާފައެވެ. އަދި ކޮވިޑް-19އަށް ގައިދީން ސްކްރީން ކުރުމަށް ޖަލުތަކުގެ ތެރޭގައި، މޮނިޓަރިންގްއަށް ހާއްސަ ކޮޓަރިތަކެއް ގާއިމުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ ނުރައްކަލުން ފުލުހުން ސަލާމަތް ކުރުމުގެ ގޮތުން މަހަރާސްތްރާ ސްޓޭޓްއިންވަނީ، ދުއްވާއިރު މަސްތުގެ ހާލުގައި ތިބޭ މީހުން ދެނެގަތުމަށް ހަދާ ޓެސްޓުކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 129 އަށް އަރާފައިވާއިރު 13 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 113 ކަމަށް މައުލޫމާތު ލިބެއެވެ.