ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޓީވީ ޝޯ 'ގޭމް އޮފް ތްރޯންސް' އިން ފެނިގެންދިޔަ ނޯވޭގެ އެކްޓަރު ކްރިސްޓޮފާ ހިވްޔޫވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭނާ މި ބައްޔަށްވި ޕޮޒިޓިވް ވިކަން އާންމުކޮށް އިއުލާންކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ކޮވިޑް-19އަށް އޭނާ ޕޮޒިޓިވް ވުމާއެކު އޭނާގެ އާއިލާވެސް މިވަގުތު ވަނީ އަމިއްލައަށް އައިސޮލޭޓް ވެފައި ކަމަށް މި ޕޯސްޓްގައި އޭނާ ވަނީ ހާމަކޮށްފައެވެ. އަދި އެންމެންގެ ހާލު ރަނގަޅުކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ހޮސްޕިޓާތައް ކާރިސާއެއްގެ ހާލަތަށް ވައްޓާލުމުގެ ބަދަލުގައި ފަރުދީ ޒިންމާ އުފުލާ، އެންމެންވެސް ވީހާވެސް ގިނައެއްކޮށް އަތް ދޮވުމަށާ، ދެމީހެއްގެ މެދުގައި އެންމެ މަދުވެގެން 1.5 މީޓަރުގެ ދުރުމިނެއް ބެހެއްޓުން ފަދަ އާންމު އިރުޝާދުތައް އޭނާ ވަނީ ފޭނުންނަށް ހަނދާން ކޮށްދީފައެވެ.

އޭނާގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ބަތޮލް އިޑްރީސް އެލްބާއާއާއި ޓޮމް ހޭންކްސްވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާން ކޮށްފައެވެ.