ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އިޓަލީވިލާތުން ދެކުނު ކޮރެޔާއިން ސްރީލަންކާއަށް ދަތުރުކުރި 170 މީހަކު ކަރަންޓީނަށް ފިލާފައި ވާކަމަށާ، ފުލުހުންގެ އިދާރާގައި ކަރަންޓީނަށް ދަފަތުރު ނުކޮށް މަކަރު ހަދާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސްރީލަންކާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.
ސްރީލަންކާގެ ދިފާއީ ވުޒާރާއިން ވަނީ ވިލާތު ބައްރުގެ ގައުމުތަކާ، އީރާނު އަދި ދެކުނު ކޮރެޔާއަށް ދަތުރުކުރުމަށް ފަހު މާޗް 1 ވަނަ ދުވަހާ 15 ވަނަ ދުވަހާ ދެމެދު ސްރީލަންކާއަށް އެތެރެވާ އެގައުމުގެ ހުރިހާ ރައްޔިތުން، ވަގުތުން ވަގުތަށް ފުލުހުންގެ އިދާރާގައި ދަފުތަރުވުމަށް އަމުރު ކޮށްފައެވެ.
ސްރީލަންކާގެ ދިފާއީ ވަޒީރު ރިޓާޔަޑް މޭޖާ ޖެނެރަލް ކަމާލް ގުނަރަތުނަ ވިދާޅުވީ، މި ފިޔަވަޅަކީ މުޅި ސްރީލަންކާގެ އާބާދީ، ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތަންފީޒު ކުރާ ފިޔަވަޅެއް ކަމަށާ، މިކަމުގައި އާންމު މުޖުތަމައުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށެވެ.
6 ދުވަހުގެ ތެރޭގައި 28 މީހަކު ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާއިރު، އެގައުމުގެ ސަރުކާރުން ދަނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރާ އާންމު ތަންތަނާ ޕްރައިވެޓް ސެކްޓަރުގެ ހިދުމަތްތައް ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުކުރުމަށް ނިންމާފައި ވާއިރު، ހާރިޖިއްޔާއިން ދެމުންދިޔަ ކޮންސިއުލާ ހިދުމަތްތައްވެސް ހުކުރު ދުވަހުގެ ނިޔަލަށް ވަނީ މެދުކަނޑާލާފައެވެ.
ކޮވިޑް-19އާ ގުޅިގެން ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ، ލަންކާ ގަޑިން މިރޭ 08:00 ގައި ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.