ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިރިއުޅެމުން ދާ އަވަށްޓެރި ސްރީލަންކާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމާއެކު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރުމަށް ސްރީލަންކާއިން ނިންމައިފިއެވެ.
މި ނިންމުމަކީ ޕްރައިވެޓް ސެކްޓާ ކުންފުނިތަކަށްވެސް ހިނގާނެ ގަވައިދެއް ކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. އަދި އެކަން އެގޮތަށް ކޮށްދިނުމަށްވެސް ސްރީލަންކާގެ ސަރުކާރުން ވަނީ އެދިފައެވެ.
ސްރީލަންކާގައި ރަސްމީ ހަފުތާ ގުނަނީ ހޯމައިން ހުކުރަށް ކަމަށްވާއިރު މި ހަފުތާގެ ހޯމަ ދުވަހުވެސް ސަރުކާރު ވަނީ ބަންދުކޮށްފައެވެ. ސަރުކާރު ބަންދު މުއްދަތު އިތުރުކޮށްފައިވަނީ ކޮވިޑް-19ގެ ހާލަތު މޮނިޓާ ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ.
ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަންގެ ފަސްޓް އޮފިސަރެއްވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު، އެ އެއާލައިންގެ އިތުރު މުވައްޒަފުންތަކެއް ވަގުތުން ވަގުތަށް ސެލްފް-ކަރަންޓީނަށް ފޮނުވާލާފައި ވާކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.
އޭނާ އެންމެ ފަހުން ލޭއޯވާ ފްލައިޓެއް އޮޕަރޭޓް ކޮށްފައި ވަނީ ހުސްވި ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ސިންގަޕޫރަށެވެ. ލޭއޯވާ ފްލައިޓަކީ ކުޑަ ވަގުތުކޮޅަކަށް ގައުމެއްގައި ކުރާ ޓްރާންސިޓެކެވެ. އޭގެ ފަހުން މުޅިންހެންވެސް އޭނާ އޮޕަރޭޓް ކޮށްފައި ވަނީ ޓާންއަރައުންޑް ފްލައިޓްސް ނުވަތަ މަންޒިލަކަށް ދަތުރުކުރުމަށް ފަހު، އެ ތަނުގައި ޓްރާންސިޓް ނުކޮށް އުދުއްސާލި މަންޒިލަށް އެނބުރި އަންނަ ގޮތަށް ކުރި ދަތުރުތަކެވެ. މީގެ އިތުރުން ހުސްވި ހަފުތާގައި ސިމިއުލޭޓާ ޓެސްޓުތަކެއްގައި ވެސް އޭނާ ބައިވެރިވެފައި ވާކަމަށާ، އެކަމާ ގުޅުންހުރި ފަރާތްތަކާވެސް އެ މައުލޫމާތު ހިއްސާކޮށްފައި ވާނެ ކަމަށް ސްރީލަންކަން އެއާލައިންސް މައުލޫމާތު ދެއެވެ.
މިއަހަރުގެ ކުރީކޮޅުވެސް ސްރީލަންކާއިން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވިއެވެ. ނަމަވެސް އޭނާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.