އިއްޔެ ހުޅުމާލެއިން ކަރަންޓިން ކުރި އަނަންރަތާ ދިވެހި މުވައްޒަފު ހުލޫމާލޭގަްއި ހުރި ރެޑްވޭވް މޯލަށް ދިޔަ ކަން ހާމަ ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އާންމުންގެ މީހަކު ބުނީ އޭނާ ހުރި ހުޅުމާލެ ފްލެޓް 124 ގައި ކަމަށާއި އޭނާ އިއްޔެ ރެޑްވޭވް މޯލަށް ދިޔަ ކަމަށެވެ. އޭނާ އެ ފިހާރައަށް ދިޔައިރު އޭނާ ހުރީ ވަރަށް ބޮޑަށް ބަލިވެފެއިކަން އެނގޭ ކަމަށެވެ. އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އޭނާ ކަރަންޓީންކޮށްފައި ވަނީ އޭނާ ރެޑްވޭވަށް ދިޔަ ފަަހުން ކަމަށް ވެސް އެމީހާ ބުނެއެވެ.

"ރެޑްވޭވަް މޯލަށް ދިޔަ އިރު އޭނާ ހުރީ ވަރަށް ބަލިކޮށް، މާސްކްވެސް ނާލާ ހުރީ، އޭގޭ މީހުންވެސް ވަރަށް ނުރުހިފަ ތިބީ ޑައިރެކްޓް ކޮންޓެކްޓް ވެފައި ހުއްޓާ ހުޅުމާލެއަށް އައީމަ"
ހުޅުމާލެ މީހެއް

ރެޑް ވޭވަށް އެ މިހާ ދިޔައިރު ހުރީ މާސްކް ނާލާކަން ފާހަގަކުރަމުން މައުލޫމާތު ދިން މީހާ ބުނީ، އޭނާ ހުރި ފްލެޓްގެ މީހުންވެސް ތިބީ އޭނާ ޑައިރެކްޓް ކޮންޓެކްވެފައި ހުރެ ހުޅުމާލެއަށް އައުމުން ނުރުހިފައި ކަމަށެވެ. އަދި އޭނާ އަކީ ޑައިރެކްޓް ކޮންޓެކްޓެއްކަން އެނގި ހުރެ ރިސޯޓުގައި މަޑުކުރަން އެޗްޕީއޭއިން ނުބުނުމުން އެކަމާވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް ޝައްކުވެގެން އަނަންތަރާ ދިގުރަށުން ދިވެއްސެއްގެ ގައިން ސާމްޕަލް ނަގާ އޭނާ ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ ކަރަންޓީން ކުރި އިރު ހުރީ ހުޅުމާލޭގައި ކަމަށާއި އޭނާ އަކީ އަނަންތަރާއިން ޕޮޒިޓިވްވި ދެ ފަތުރުވެރިންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށެވެ.

ރެޑްވޭވް މޯލްއަކީ ހުޅުމާލޭގައި ދިރިއުޅޭ ގިނަ މީހުން ބާޒާރުކުރަން ގޮސް އުޅޭ ފިހާރައެކެވެ. އެ ފިހާރައަކީ ގެއަށް ބޭނުންވާ އެތައް ސާމާނަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނަ ބޮޑު ފިހާރައެކެވެ. ދުވާލެއްގެ މައްޗަށް އެތަނުން އެތައް ހާސް ކަސްޓަމަރުންނެއް ވިޔަފާރި ކުރަންދާ ތަނަކަށް މި ބައްޔަށް ޝައްކުކުރެވޭ މީހަކު ދިއުމަކީ މި ވަގުތު ހުޅުމާލޭގައި ދިރިއުޅޭ އެތައް ބަޔަކު އިންތިހާއަށް ކަންބޮޑުވާނެ ކަމެކެވެ.

މިބަލީގެ އަލާމަތްތައް ފެންނަކަމަށް ވާނަމަ ލަސްނުކޮށް 1676 އަށް ގުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.