ކޮވިޑް-19 ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަނކޮޅުތަކުގައި ފެތުރެމުން ގޮސްފައިވާ މި ދަނޑިވަޅުގައި މި ދިޔަ ފެބްރުއަރީ މަހު ޖުމްލަ 9925 ދިވެހިން ރާއްޖެއިން ބޭރަށް ފުރާފައިވާ އިރު 149،788 ޓުއަރިސްޓުން ރާއްޖެއަށް އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ރާއްޖެއިން ބޭރަށް ފުރި 9925 ދިވެހިންގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 9467 ދިވެހިން ވަނީ ފުރާފައެވެ. ހަމައެއާއެކު މިދިޔަ މަހު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން 330 ދިވެހިން އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުން 128 ދިވެހިން ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ.
ރާއްޖެއަށް މިދިޔަ މަހު އައިސްފައިވާ ޓުއަރިސްޓުންގެ ޖުމްލަ އަދަދަކީ 149،788 ކަމަށް އިމިގްރޭޝަން ތަފާސް ހިސާބުތަކުން ދައްކާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 148،938 ޓުއަރިސްޓުން ވަނީ އައިސްފައެވެ. ހަމައެއާއެކު މިދިޔަ މަހު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން 88 ޓުއަރިސްޓުން އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުން 762 ޓުއަރިސްޓުން ވަނީ ރާއްޖެއަށް އައިފައެވެ.
މީގެ އިތުރުން، މިދިޔަ މަހު ރާއްޖެއަށް އައި މީހުންގެ ތެރެއިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ފުރުވާލައިފައި ވަނީ 110 ފަރާތެއް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ވެލާނާ އެއާޕޯޓުން 109 ފަރާތަކާއި ގަން އެއާޕޯޓުން އެއް މީހެކެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ހަލުވިކަމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ދުވަސްވަރެއް ކަމުން ރާއްޖެއިން ބޭރަށް ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރު ނުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ. ރާއްޖޭގައި މިހާރު މި ބައްޔަށް 13 ފަރާތެއް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިފައިވާ 8 ފަރާތަކީ ރާއްޖެއަށް އައި ފަތަުރުވެރިންނެވެ.
މިއަދާ ހަމައަށް އައި އިރު ރާއްޖެއަށް މީހުން އައުން މަޑުޖައްސާލާފައި ވަނީ ޗައިނާ، ބަންގްލަދޭޝް، އީރާން، އިޓަލީ، ސްޕޭންގެ އިތުރުން ސައުތް ކޮރެއާގެ ދެ ސަރަހައްދަކާއި، ޖަރުމަނުގެ ތިން ސަރަހައްދަކާއި، ފްރާންސްގެ ދެ ސަރަަހައްދަކުންނެވެ.