އެމެރިކާގައި މިއަހަރު ފަހުކޮޅު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންފިނަމަ ނައިބު ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވާނީ އަންހެނެއް ކަމަށް، އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ރިޔާސީ ރޭހަށް ނިކުންނަވާނެ ކަމަށް ގިނަ ބަޔަކު މިހާރުވެސް އިއްތިފާގުވަމުންދާ ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަހުސްގައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެކުލަވާލައްވާނެ ވަޒީރުންގެ މަޖިލީހާ ސަރުކާރަކީ ގައުމުގެ ރަމްޒަކަށް ވާނެ ކަމަށާ، ނައިބަކަށް ހޮއްވަވާނީ އަންހެނެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ބައިޑަން މިފަދަ ވާހަކަތަކެއް ދައްކަވާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް 2 ވަނަ ދައުރެއް ކަށަވަރުކުރައްވައިފިނަމަ ނައިބު ރައީސް ކަމުގެ މަގާމުން ފެނިގެންދާނީ، އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަ މަންދޫބުގެ މަގާމުގައި މީގެ ކުރިން ހުންނެވި ނިކީ ހާލޭ ކަމަށް ބުނާ އަޑުތަކެއް ދާދި ފަހުން ވަނީ ފެތުރިފައެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާ، މިހާރުގެވެސް ނައިބު ރައީސް މައިކް ޕެންސްއަކީ ވަރުގަދަ ކެންޑިޑޭޓެއް ކަމަށް އިޝަރާތްކުރައްވާފައެވެ.
ޑިމޮކްރަޓުންގެ ފަރާތުން އިންތިހާބަށް ނިކުންނަވާނެ ކެންޑިޑޭޓަކު ކަށަވަރު ކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ބަހުސްގައި، ބައިޑަންއާއިއެކު އެންމެ ވާދަވެރި ބާނީ ސޭންޑާޒް ވިދާޅުވީ، މުހިންމީ އަންހެނަކު ނޮމިނޭޓް ކުރުން ނޫންކަމަށާ، މުހިންމު ވަނީ އަންހެނުންނަށް ކުރިއެރުން ކަށަވަރުކޮށްދިނުން ކަމަށެވެ.
މީޑިއާ ރިޕޯޓްތަކަށް ބަލާއިރު ބައިޑަންގެ ވެރިކަމެއްގައި ނައިބު ރައީސް ކަމުގެ މަގާމުން ފެނުން އެންމެ ގާތީ ސެނެޓާ ކަމަލާ ހެރިސް ނުވަތަ ސެނެޓާ އޭމީ ކްލޫބުޝާރުއެވެ.
އެމެރިކާގެ ރިޔާސީ ރޭހުގެ ތާރީހަށް ބަލާއިރު އަންހެން ނައިބަކު ނޮމިނޭޓް ކުރެއްވި ކެނޑިޑޭޓަކީ 1984 ވަނަ އަހަރުގެ ރޭހުގައި ވާދަކުރެއްވި ޑިމޮކްރަޓިކް ކެންޑިޑޭޓު ވޯލްޓާ މަންޑޭލްއެވެ. އޭނާގެ ނައިބަކަށް ޖެރަލްޑީން ފެރާރޯ ހަމަޖެއްސިއެވެ. ނަމަވެސް އެފަހަރުގެ އިންތިހާބު މަންޑޭލްއަށް ގެއްލުނީ، ރޮނާލްޑް ރޭގަން ކުރި ހޯއްދެވުމުންނެވެ. މީގެ އިތުރުން ރިޕަބްލިކަން ކެންޑިޑޭޓް ޖޯން މެކެއިން ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ނައިބު ރައީސް ކަމަށް ސޭރާ ޕޭލިން ނޮމިނެޓް ކުރައްވާފައެވެ. އެފަހަރުގެ އިންތިހާބު މެކެއިންއަށް ގެއްލުނީ އެމެރިކާގެ ތާރީހު ދުށް އެންމެ މަގުބޫލު ރައީސް ބަރާކް އޮބާމާއާއި ބައިޑަންގެ ޓީމު ކުރި ހޯއްދެވުމުންނެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ރަސްމީ ވޯޓުލުން އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.