އަލަށް ވޯކްވިސާއަށް އެދޭއިރުވެސް މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ކުރި އިއުލާންއެއްގައި ބުނީ ރިސޯޓްތަކުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުން މެދުކަނޑާލާފައި ވާތީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތުގެ މުއްދަތު ތެރޭގައި ވޯކް ވިސާ އަދި އެހެނިހެން ވިސާއަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވޯކް ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި މެޑިކަލް ރިޕޯޓާ ނުލައި އަލަށް ވޯކް ވިސާއަށް އެދި ހުށަހަޅާ ބިދޭސީންގެ ފަރާތުން ވޯކް ވިސާ ދޫކުރެވޭނީ ތިން މަސްދުވަހުގެ މުއްދަތަށް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ރާއްޖޭގައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެއާއެކު ވިސާ އަދި އެހެނިހެން ވިސާގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މުއްދަތު އިތުރުކުރަން ހުށަހަޅާ ވިސާ ހުށަހަޅާ އިރު ކުރިން މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހުނަސް މިހާރު މެޑިކަލް ރިޕޯޓު ހުށަހަޅަން ނުޖެހޭ ގޮތަށްވެސް ވަނީ ނިންމާފައެވެ.
ފެތުރެމުންދާ ކޮވިޑް-19ގައި ޖުމްލަ 13 މީހުން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވާއިރު އަނަންތަރާ ދިގުރަށުން ވަނީ 2 ފަތުރުވެރިއަކާއި ކުރެއްދޫ އައިލެންޑް ރިސޯޓުން 5 ބިދޭސީއަކާއި ކުރަމަތި އައިލެންޑް ރިސޯޓުން 2 ބިދޭސީއަކާއި ސޭންޑީސް ބަތަލާ ރިސޯޓުން 2 ބިދޭސީއެއްގެ އިތުރުން އައިލެންޑް ސަފާރީން 2 ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.