ކޮވިޑް-19 އާ ގުޅިގެން މި ހިންގާ މާޗްމަހު ބިލް ނުދެއްކޭ ފަރާތްތަކުގެ ހިދުމަތް ކަނޑާނުލާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.

އުރީދޫން ބުނީ، މި ހިނގާ މާޗް މަހުގައި ބިލް ނުދެއްކާ ފަރާތްތަކަށް ހާއްސަ އިނާޔަތެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބިލް ނުދެއްކުނު ނަމަވެސް ހިދުމަތް މެދުކަނޑާނުލާނެ ަކަމށް އެފަރާތުން ބުނެއެވެ. މި ފުރުސަތު ލިބޭނީ އުރީދޫގެ ޕޯސްޓްޕެއިޑް މޯބައިލްގެ ހިދުމަތް ހޯދާ ފަރާތްތަކަށާއި ފައިބާ އަދި ވަޔާލެސް ބްރޯޑްބޭންޑް ހިދުމަތް ހޯދާ ފަރާތްތަކަށް ކަމަށް އުރީދޫން ބުނެއެވެ.

ހަމައެއާއެކު ތަންތަނަށް ދިއުން މަދު ކުރުމަށް ގޮވާލާފައިވާ މިދުވަސްވަރުގައި ގިނަ ވަގުތު ގޭގައި މީހުން ތިބޭނެތީ ދުރުގައި ތިބޭ ރައްޓެހިންނާއި އާއިލާގެ މެންބަރުންގެ ހާލު ބަލަން ބޭނުންވާނެ ކަމަށް އުރީދޫން ބުނެއެވެ. އެހެންކަމުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއް މަސްދުވަހުގެ ބޯނަސް 25 ޕަސެންޓް ޑާޓާ އެލަވަންސް ވެސް ހަމަޖައްސައިދީފައިވާ ކަމަށް އުރީދޫން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ސްކޫލް އަދި ހަޔާއެޑިއުކޭޝަންގެ ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމް ވަނީ ގޭގައި ތިބެގެން ކިޔެވޭ ގޮތަށް ހަމަޖައްސާފައެވެ. އެހެންކަމުން ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކަށް އިންޓަނެޓް ބޭނުންކުރުމުގައި ރަނގަޅު ހައްލުތަކާއި އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް އުރީދުން ވަނީ ނިންމާފައެވެ. އޭރުން ގޭގައި ތިބެގެން ކިޔަވާ ކުދިންނަށް މަރުކަޒުތަކުން ފޯރުކޮށްދޭ އޮންލައިން ކްލާސްތަކުގެ ފެންވަރު ރަނގަޅުގޮތުގައި ލިބިގެންދާނެކަމަށް ވެސް އުރީދުން ބުނެއެވެ.

ކޮވިޑް-19 އަށް މިހާރު ރާއްޖޭގައި 13 ބިދޭސީން ޕޮޒިޓިވްވެފައި ވާއިރު، އުރީދޫން މި ބަލި ކޮންޓްރޯލް ކުރުމަށާއި ރައްކާތެރިވުމުގެ ގޮތުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އުރީދޫގެ މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ ހިދުމަތް ހޯދާ ފަރާތްތައް ޑިޖިޓަލްކޮށް ހިދުމަތް ހޯދުމަށް އެ ކުންފުނިން ބާރުއަޅާ ކަމަށް ބުނެއެވެ. މިވަގުތު ކޮވިޑް-19 ގެ ހާލަތަށް ބަލާފައި ރައްކާތެރިކަމުގެ ފިޔަވަޅު ހުރިހާ ފަރާތްތަކުންވެސް އެޅުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން އުރީދޫން ބުނީ، އެޗްޕީއޭއާ ގުޅިގެން މި ދަނޑިވަޅުގައި ގައުމަށް ހިދުމަތް ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.