އަވަށްޓެރި ސްރީލަންކާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި އިތުރު ކޭސްތަކެއް ފެނިފައިވާކަމަށާ، އެގައުމުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 10 އަށް އަރާފައިވާކަމަށް ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ސްރީލަންކާގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް ޑރ އަނީލް ޖާސިންހަ ވިދާޅުވީ މި ލިސްޓަށް އެންމެ ފަހުން އިތުރުވެފައިވަނީ 2 އަންހެނެއް ކަމަށާ، އެއީ އިޓަލީވިލާތުން އެނބުރި އައި، އުމުރުން 56 އަހަރުގެ މީހަކާ، އޭނާއާއި އާއިލީ ގޮތުން ގުޅުން އޮތް 17 އަހަރުގެ ކުއްޖެއް ކަމަށެވެ.

ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ކޭސްތައް އިތުރުވަމުން ދާއިރު، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުން ވަނީ އާންމު އެއްވުންތައް ނުބޭއްވޭ ގޮތަށް ހަމަޖައްސާފައެވެ. ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުންތައްވެސް ދެން ބޭއްވޭނީ ފުލުހުންގެ އިޒުނައާ އެކުގައި ކަމަށް، ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ޕަވިތްރާ ވަންނިއަރައްޗީ ވަނީ އިއުލާންކުރައްވާފައެވެ. މިއީ ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް ތަންފީޒުކުރާނެ އުސޫލެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިއަހަރުގެ ކުރީކޮޅުވެސް ސްރީލަންކާއިންވަނީ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައެވެ. ނަމަވެސް އެމީހާއަށް ފަރުވާ ދިނުމަށްފަހު، ބަލި ފަސޭހަވުމުން ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ޚަބަރު ލިބެއެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި، އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ ގައުމެވެ.