އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނު ހަނގުރާމަވެރިން މިނިވަން ކުރުމަށް އެއްބަސްވި އެއްބަސްވުން ތަންފީޒުކުރުން ފަސްކޮށްފިއެވެ.

ތޯލިބާނު ހަނގުރާމަވެރިން މިނިވަން ކުރުން ފަސްކޮށްފައިވަނީ، މި އެއްބަސްވުމުގެ ދަށުން މިނިވަން ކުރާނެ ހަނގުރާމަވެރިންގެ އަދަދާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ.

އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވާ ތޯލިބާން ހަނގުރާމަވެރިން މިނިވަންކުރުމަށް އަފްގާނިސްތާނުގެ ސަރުކާރުން އެއްބަސްވެފައިވަނީ، އެމެރިކާގައި 18 އަހަރުވީ ހަނގުރާމައެއް ކުރަމުންދާ އެމެރިކާއާއި ތޯލިބާނު ހަނގުރާމަވެރިންނާ ދެމެދު އެކުލަވާލި ސުލްހައިގެ އެއްބަސްވުމަށްފަހު، އަފްގާނިސްތާނުގެ ސަރުކާރާ ތޯލިބާން ހަނގުރާމަވެރިންނާ ދެމެދު ސުލްހައިގެ މަޝްވަރާތަކަށް މަގުފަހި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.

އަފްގާނިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާނު ޖާވިދު ފައިސަލް ވިދާޅުވީ، ތޯލިބާނު ހަނގުރާމަވެރިން އަމަލީ ގޮތުން މިނިވަން ކުރުން ލަސްވަމުންދަނީ، މިނިވަންކުރާ ހަނގުރާމަވެރިންގެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

ފައިސަލް ވިދާޅުވީ ރިޔާސީ ގަރާރުގައި ބަޔާންކޮށްފައިވާ ފަދައިން ތޯލިބާނުގެ ހަނގުރާމަވެރި ގައިދީން މިނިވަން ކުރުމަށް އަފްގާނިސްތާނުގެ ސަރުކާރު އޮތީ ތައްޔާރަށެވެ. ނަމަވެސް މިނިވަން ކުރުމުން ހަނގުރާމައިގެ މައިދާނަށް އެނބުރި ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ހަނގުރާމަވެރި ގައިދީންގެ ފަރާތުން ނުލިބެނީސް، މިނިވަންކަން ދެވެން ނެތް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ތޯލިބާނުގެ ހަނގުރާމަވެރި ގައިދީންނަށް މިނިވަންކަން ލިބެން އަންނަނީ، މިނިވަންކަމަށްފަހު ހަނގުރާމައިގެ މައިދާނަށް ދުވަހަކުވެސް ނުދާނެ ކަމަށް ލިޔުމަކުން ދީ އެކަމަކަށް ބައިއަތު ހިފުމުންނެވެ.

އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީވަނީ، ހެޔޮނިޔަތުގެ ރަމްޒެއްގެ ގޮތުގައި ތޯލިބާނު ހަނގުރާމަވެރި ގައިދީންގެ ތެރެއިން 1500 މީހުން، ހޮނިހިރު ދުވަހުން ފަށައިގެން މިނިވަން ކުރަމުންދާނެކަން އިއުލާންކުރައްވަފައެވެ. އަދި ސުލްހައިގެ މަޝްވަރާތައް ފަށާ، ހަނގުރާމަވެރިންގެ ފަރާތުން އިތުރު ނުރައްކާތަކެއް ކުރިމަތި ނުކޮށްފިނަމަ، އިތުރު 3500 ހަނގުރާމަވެރި ގައިދީއަކު މިނިވަން ކުރާނެކަންވެސް އަފްގާނިސްތާނު ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ކަންމިހެން އޮތް ނަމަވެސް ތޯލިބާނުންވަނީ ސަރުކާރުގެ ޑިމާންޑަށް އިންކާރުކޮށްފައެވެ. ތޯލިބާނުން ޑިމާންޑް ކުރަމުންދަނީ 5000 އެއްހާ ހަނގުރާމަވެރި ގައިދީން މިނިވަން ކުރުމަށެވެ. އަދި އެއީ އެމެރިކާއާއިއެކު ހުސްވި މަހު ސޮއިކުރި އެއްބަސްވުމުން ފުރުސަތު އޮތް ކަމެއް ކަމަށްވެސް ތޯލިބާނުން ދަނީ ބުނަމުންނެވެ.

ތޯލިބާން ހަނގުރާމަވެރިންނާ އަފްގާނިސްތާނުގެ ސަރުކާރާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފަށަން ހަމަޖެއްސި މާޗް 10 ވަނަ ދުވަހު ތާރީހު ފަހަނައަޅާ ގޮސްފައިވާއިރު، މިކަމަށް އަދި އަލިމަގެއް ފެނިފައެއް ނުވެއެވެ. އަދި ގައިދީން މިނިވަން ކުރަން ބުނި ދުވަހަށް އެކަން ތަންފީޒު ކުރަން ފަށާފައި ނުވާއިރު، މިކަމާ ބެހޭ ގޮތުން ތޯލިބާން ޖަމާއަތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.