ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު، 3 މަސް ދުވަހުގެ މުއްދަތަށް ޒަރޫރީ ކަންކަމަށް ބޭނުންވާ ބޭސް އިންޑީއާއިން ހަދިޔާކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޑިއާއިން ހަދިޔާ ކުރި ބޭސްތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިނިސްޓަރު ޝާހިދު ވަނީ މިވަގުތު އިންޑީއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ. ޝާހީދު ވިދާޅުވީ، އެއް ގައުމަކަށް އެކަނި ކޮރޯނާގެ ވަބާއާ ކުރިމަތި ނުލެވޭނެ ކަަމަށާއި އަދި ދެގައުމު ގުޅިގެން އެކަމުގައި މަސައްކަތް ކޮށްފިނަމަ މިވައިރަހުން އަރައިގަނެވޭނެ ފަހި މަގެއް ފެންނާނެކަމަށެވެ.

މިހާރު ރާއްޖޭގެ ޓާސްކް ފޯސް ޓީމާއެކު އިންޑިއާއިން އައި މެޑިކަލް ޓީމް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑީއާއިން ވަނީ 5 ޑޮކްޓަރުންނާއި، 2 ނަރުހުންގެ އިތުރުން 7 ޕެރެމެޑީކް ވަނީ އައިސްފައެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ފަރާތުން އެއިޑް ޕެކޭޖެއް ވެސް ރާއްޖެއަށް ވަނީ ހަދީޔާކޮށްފައެވެ.

ހަމައެއާއެކު އަންނަ ބުރާސްފަތި ދުވަހު އެމެރިކާ، ޔޫކޭ އަދި އެފްރިކާއިން މެޑިކަލް ޓީމެއް ރާއްޖެއަށް ވެސް ވަނީ ހަމަޖެހިފައެވެ.