ހުސްވި ފެބުރުވަރީ މަހު އިންޑިއާގެ ވިޔަފާރި ދަރަނީގެ މިންވަރު ކުޑަވެފައިވާކަމަށް އެގައުމުގެ ރެކޯޑްތަކުން ދައްކައިފިއެވެ.

ވިޔަފާރި ދަރަނި ނުވަތަ ގައުމަށް މުދާ އިމްޕޯޓްކުރާ މިންވަރާ އެކްސްޕޯޓް ކުރާ މިންވަރުގެ ފަރަގު ފެބުރުވަރީ މަހު ރެކޯޑް ކޮށްފައިވަނީ 9.85 ބިލިއަން ޑޮލަރުގައެވެ. އޭގެ ކުރީ މަހު މިއަދަދު އުޅުނީ 15.17 ބިލިއަން ޑޮލަރުގައެވެ. 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހު ވިޔަފަރީ ދަރަނީގެ ފަރަގު އުޅުނީ 9.72 ބިލިއަން ޑޮލަރުގައެވެ.

ޖަނަވަރީ މަހާ އަޅާބަލާއިރު އިންޑިއާގެ ވިޔަފާރި ދަރަނި ފެބުރުވަރީ މަހު ކުޑަވެފައިވާއިރު، މިދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ބޮޑުވެ، ދުނިޔޭގެ އިގުތިސޯދަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ދަނޑިވަޅެކެވެ.

އިންޑިއާގެ ވިޔަފާރި ދަރަނި ކުޑަވެފައިވަނީ އެކްސްޕޯޓް ވިޔަފާރި އިތުރުވެގެންނެވެ. ނިމިދިޔަ ފެބުރުވަރީ މަހު އިންޑިއާއިންވަނީ 27.65 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައެވެ.