އިންޑިއާގެ ކަޝްމީރާ ވީ ފަޅީގެ މަޖިލިސް މެމްބަރުކަމާ ޗީފް މިނިސްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ސިޔާސީ ޝަހްސު، ފާރޫގު ޢަބްދުﷲ މިނިވަންކޮށްފައިވާކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

7 މަސްދުވަހުގެ ބަންދަކަށްފަހު ފާރޫގު މިނިވަންކޮށްފައިވަނީ ކޮން ސަބަބަކާ ހެދި ކަމެއް އިންޑިއާއިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މިނިވަންވެވަޑައިގެން ވާހަކަދައްކަވަމުން ފާރޫގު ވަނީ އޭނާގެ މިނިވަންކަމަށް ވަކާލާތުކޮށް ހަނގުރާމަ ކުރި ހުރިހާ އެންމެނަށް ޝުކުރު އަދާ ކުރާ ކަމަށް ވިދާޅުވެ، ހައްޔަރުކޮށްފައި ތިބި އެންމެންވެސް މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

ފާރޫގަކީ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު އިންޑިއާގެ މައި ސަރުކާރުން ހިންގި ގަޑުބަޑާ ދިމާކޮށް، އެސަރަހައްދުން ހައްޔަރުކުރި އެތައް ހާސް ސިޔާސީ ޝަހްސަކާ ލީޑަރުންނެއްގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ފަރާތެކެވެ. މި އެންމެންވެސް ތިބީ ގޭ ބަންދުގައި ކަމަށް ޚަބަރު ލިބެއެވެ.

މި އެންމެންވެސް ގޭ ބަންދުގައި ބައިތިއްބާފައިވަނީ އާންމު ސަލާމަތްތެރިކަމާ ރައްކާތެރި ކަމާ ބެހޭ ގާނޫނު (ޕީއެސްއޭ)ގެ ދަށުންނެވެ. ނަމަވެސް، ފާރޫގަކީ މަޖިލިސް މެމްބަރަކަށް ވާއިރު، އެފަދަ ގޮތަކަށް އޭނާ ބަންދުގައި ބެހެއްޓުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ބުނެ ހޫނު ބަހުސްތަކެއްވެސް ގިނަ ބަޔަކު ވަނީ ކޮށްފައެވެ. އިންޑިއާގެ އިދިކޮޅު ސިޔާސީ 8 ޕާޓީއަކުންވެސް ވަނީ އޭނާގެ މިނިވަންކަމަށް ގޮވާލާ، އިންޑިއާގެ ސަރުކާރަށް ސިޓީއެއްވެސް ފޮނުވާފައެވެ.