ވާކް ވިސާ އަދި އެހެނިހެން ވިސާގެ މުއްދަތު އިތުރު ކުރުމަށް އެދި ހުށަހަޅާ އިރު، މެޑިކަލް ރިޕޯޓާ ނުލައި ވިސާ ދޫކުރުމަށް ނިންމައިފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު އިއުލާނުގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން އިއްޔެ ރާއްޖޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު ވިސާ އަދި އެހެނިހެން ވިސާގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މުއްދަތު އިތުރުކުރަން ހުށަހަޅާ ވިސާ ހުށަހަޅާ އިރު ކުރިން މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހުނަސް މިހާރު މެޑިކަލް ރިޕޯޓު ހުށަހަޅަން ނުޖެހޭނެ ކަމަށް އެފަރާތުން ބުނެއެވެ.
ނަމަވެސް އަލަށް ވާކް ވިސާ އަދި އެހެނިހެން ވިސާއަށް އެދި ހުށަހަޅާ އިރު މިހާރުވެސް އަމަލުކުރަމުން ދާ ގޮތުގެ މަތިން މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ވޯކް ވިސާ އާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ އެ އިދާރާގެ ނަންބަރު 9199153 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ އިރު މިހާތަނަށް އެ ބައްޔަށް 9 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ.
މި ބަލި ފެތުރުނަ ނުދިނުމަށް ރާއްޖެއިން ވަނީ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަޑުޖައްސާލާފައެވެ. އޭގެތެރޭގައި ޗައިނާ، އިޓަލީ، ސައުތު ކޮރެއާގެ ދެ ސަރަހައްދެއްގެ އިތުރުން ބަންގްލަދޭޝް ހިމެނެއެވެ. ބަންގްލަދޭޝްއަކީ ރާއްޖެއަށް އެންމެ ގިނައިން ބިދޭސީ މަސައްކަތްތެރިން އަންނަ ގައުމެވެ. އަދި ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.
ރާއްޖެއާ އަވަށްޓެރި އިންޑިއާގައި ކޮރޯނާވައިރަސް ފެތުރެއްމުން ދިޔައަސް އެ ގައުމުން ރާއްޖެ އައުން ބަންދެއް ނުކުރެއެވެ. ނަމަވެސް އިންޑިއާއިން ވަނީ އެގައުމަށް އެތެރެވުން ވަގުތީ ގޮތުން ބަންދުކޮށްފައެވެ.