ދިރޭ ދޫނި އެތެރެކުރުން ވަގުތީގޮތުން މެދުކަނޑާލައިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިދުވަސްވަރަކީ ގިނަ ގައުމުތަކެއްގައި ދޫނިރޯގާ (Highly Pathogenic Avian Influenza) ފެތުރެމުންދާ ދުވަސްވަރަކަށްވުމާއެކު ދޫނިރޯގާ އުޅޭ ގައުމުތަކުން ދޫނި އެތެރެކުރުމަކީ ރާއްޖެއަށް މިބަލި އެތެރެވުމަށް އޮތް ފުރުސްތެއްކަމަށް ބެލެވޭތީ، ދޫނި ރޯގާއިން ރައްކާތެރިވުމަށް ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުން މިބަލި އުޅޭ ގައުމުތަކުން ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ހުއްދަދޭން ފަށާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން މީގެ ކުރިން ކޮށްފައިވާ އިއުލާން ބާތިލް ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ކުރިން ދޫނި އެތެރެ ކުރުން މެދުކަނޑާލަފައި ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ނުވަތަ ކޮވިޑް 19 ފެށުމުގެ އަސްލަކީ ޖަނަވާރުން ކަމުގައި ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ކަމަށެވެ.
ކޮވިޑް 19 އަކީ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފައި ވަނީ ރޭގައެވެ. ސަބަބަކީ ދުނިޔޭގެ ގިނަ ސަރަހައްދުތަކަކަށް ކޮވިޑް 19 ފެތިރިގެން ގޮސްފައިވުމެވެ. ކޮރޯނާވައިރަސް ޖެހިގެން 118000 މީހުން މިހާތަނަށް ވަނީ ރިޕޯޓު ކޮށްފައެވެ. ކޮވިޑް 19 ގައި 4291 މީހަކު މަރުވެފައި ވާއިރު ދުނިޔޭގެ 114 ގައުމަކަށް މި ބަލި މިހާރު ވަނީ ފެތުރިފައެވެ.
ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 8 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެއްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެކެވެ.
ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ހަމައެކަނި ކުރެއްދޫ އައިލެންޑް ރިސޯޓެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.
20 30 40 މިިިީހުން ދިރިއުޅޭ ތަންތަން ބަލަަވަރަައް އަވަހަ ތިލަފުށި އަށް ބަދަލު ކުރިިިމަ ބަލިތައް މަދުވެ ފެތްރުން ކުޑަވާނެ ބަންގާޅީންގެ 1 ބަލިވީމަ ހިދުކޮލެއްގެ ތެރޭގަ 20 މީހުނަށް ފެތްރޭނެ މިކަން ނުކޮށްފިނަމަ ވަރަށް ނުރައްކާ ވަނެ