ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމުގެ ނަމުގައި، މަދު ގިންތިއެއް ފިޔަވާ އެހެން ހުރިހާ ގިންތިއަކުން އިންޑިއާއަށް އަންނަ ފަރާތްތަކަށް ވިސާ ދޫކުރުން، އަވަށްޓެރި އިންޑިއާއިން މަޑުޖައްސާލައިފިއެވެ.

އިންޑިއާއިން ވިސާ ދޫކުރުން މަޑުޖައްސާލާފައިވަނީ 1 މަސް ދުވަހުގެ މުއްދަތަށެވެ.

އިންޑިއާއަށް އަންނަ ބިދޭސީންނަށް ވިސާ ދޫކުރުން މަޑުޖައްސާލާފައިވާއިރު، ގައުމުން ބޭރުގައި ދިރިއުޅޭ އިންޑިއާގެ ރަށްވެހިންނަށްވެސް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން، ގައުމުން ބޭރުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށްވެސް ވިސާއަކާ ނުލާ އިންޑިއާއަށް އެތެރެވެވޭނީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފަށައިގެން ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.

މި ފިޔަވަޅަކީ މިހާރުވެސް މަޑުޖެހިފައިވާ އިންޑިއާގެ އިގުތިސޯދަށް އޮތް ނުރަނގަޅު މެސެޖެއް ކަމަށް ވީ ނަމަވެސް މި ފިޔަވަޅު އަޅާފައިވަނީ އިންޑިއާއިން ފެންނަ ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާތީއެވެ.

އަވަށްޓެރި އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 60 އަށް އަރާފައެވެ.

އިތުރު ބައެއްގެ ސާމްޕަލް ނަގާ، ޓެސްޓުތައް ހަދަމުންދާއިރު ކުރިއަށް އޮތް ދުވަސްތަކުގައި މިއަދަދު އަދިވެސް އިތުރުވުން އެކަށީގެންވާކަމަށް ޚަބަރު ލިބެއެވެ.

އަރައިވަލް ވިސާ ދޫކުރުން ހުއްޓާލާ، މުޅި ދުނިޔެއަށް އިންޑިއާ ކަރަންޓީނުކޮށްފައިވާކަން އަންގަމުން އެގައުމުން ބުނީ އެގައުމަށް މިވަގުތު އެތެރެވެވޭނީ ޑިޕްލޮމެޓިކް، ރަސްމީ އަދި މަސައްކަތާ މަޝްރޫއުތަކުގެ ބޭނުމަށް އެގައުމަށް އެތެރެވާން އަންނަ ފަރާތްތަކަށް ކަމަށެވެ. އަދި 1 މަސް ދުވަހަށް ފަހު ހާލަތު މުރާޖައާ ކުރެވިގެންދާނެކަންވެސް އިންޑިއާއިންވަނީ އިއުލާންކޮށްފައެވެ.

މިފަދަ ބަލިމަޑުކަމަކަށް އިންޑިއާ އޮތީ ތައްޔާރަށް ކަމަށް އެގައުމުން ބުނާއިރު، ތަޖުރިބާކާރުން ދަނީ ޗައިނާއާއި އިޓަލީވިލާތުން އެޅިފަދަ ހަރުކަށި ފިޔަވަޅުތަކެއް އިންޑިއާގެ ސަރުކާރަށް ކާމިޔާބު ކަމާއެކު ތަންފީޒު ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދަމުންނެވެ.