ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއް އެމީހަކާ ދެކޮޅަށް ފެންމަތިކޮށްފައިވާ ހޮލީވުޑްގެ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ، 23 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ ޕްރޮޑިއުސަރުންގެ ލިސްޓުން ޖާގަ ހޯދި، އުމުރުން 67 އަހަރުގެ ހާވީ ވައިންސްޓީން ކޯޓަށް ހާޒިރުވީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އޭނާގެ ވަކީލުން ވަނީ ހުކުމް ކުރުމުގައި ލުއި ދިނުމަށްވެސް އެދިފައެވެ. އެގޮތުން އެންމެ ކުޑަވެގެން އިއްވެން އޮތް 5 އަހަރު ދުވަހުގެ ޖަލު ހުކުމަކީވެސް އޭނާގެ މައްޗަށް އިއްވޭ 'އުމުރު ދުވަހުގެ' ހުކުމެއް ކަމަށް ވަކީލުން ދިޔައީ ބުނަމުންނެވެ.

ކަންމިހެން އޮތް ނަމަވެސް ޕްރޮސެކިއުޓަރުންވަނީ ވައިންސްޓީންގެ މައްޗަށް އިއްވެން ޖެހޭނީ އެންމެ ހަރުކަށި ހުކުމް ކަމަށް ބުނެފައެވެ. އަދި އެއީ އޭނާގެ މުޅި އުމުރުގައި އަންހެނުންނާ ދެކޮޅަށް ހިންގި ނޭދޭވެ ޖަރީމާތަކުގެ ސަބަބުންނާ، އެކަމަށް ކުޑަކޮށްވެސް ހިތާމަ ނުކުރާތި ކަމަށްވެސް ޕްރޮސެކިއުޓަރުންވަނީ ބުނެފައެވެ.

ހޮލީވުޑްގެ ނުފޫޒުގަދަ ޕްރޮޑިއުސަރު ހާވީ ވައިންސްޓީން ޝަރިޔަތުގެ މަޖިލީހުގަ/ފޮޓޯ: ރޮއިޓާޒް

ހުކުމް އިއްވި ޝަރިޔަތުގެ މަޖިލީހުގައި ވައިންސްޓީން ވަނީ ވާހަކަދައްކާފައެވެ. މިއީ މިމައްސަލާގައި ކޯޓުގައި އޭނާ ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ވައިންސްޓީން ވަނީ އޭނާގެ އަމަލުތަކާ މެދު ހިތާމަ ކުރާކަމަށާ، ނަމަވެސް އޭނާއާއި އަދި އެހެން ފިރިހެނުންނާ ގުޅޭ ގޮތުން 'މީޓޫ މޫވްމަންޓް'ގައި ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ހައިރާންވެ އޮޅުންބޮޅުންގަނޑެއްގައި ހުރި ކަމަށް ބުނެފައެވެ.

ވައިންސްޓީންގެ ފަރާތުން ޖިންސީ ފުރައްސަރައާއި އަނިޔާގެ އިތުރުން ރޭޕްގެ ޝިކާރައަކަށްވީ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގިނަ އަދަދެއްގެ އަންހެނުންވަނީ އެމީހުންގެ ވާހަކަތައް ހިއްސާކޮށްފައެވެ. ނަމަވެސް ވައިންސްޓީން ވަނީ މި ހުރިހާ ކަމަކަށްވެސް އިންކާރުކޮށްފައެވެ. އޭނާގެ ވަކީލުންވެސް ވަނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ނުފޫޒުގަދަ ފިލްމް ޕްރޮޑިއުސާ ހާވީ ވައިންސްޓީން (މ) ކޯޓަށް ހާޒިރު ކުރަނީ/ފޮޓޯ: ޔޫއެސްއޭ ޓުޑޭ

މިއީ ނިއު ޔޯކްގެ ކޯޓުން ބެލި މައްސަލާގައި އޭނާގެ މައްޗަށް އިއްވި ހުކުމަށް ވާއިރު، ހަމަ މިފަދަ ޖިނާއީ މައްސަލަތަކެއް ލޮސް އެންޖަލީސްގެ ކޯޓަކުންވެސް ދަނީ ވައިންސްޓީންއާ ދެކޮޅަށް ބަލަމުންނެވެ.