ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުދަ ދުވަހުގެ ވަގުތެއްގައި ވަނީ ކަނޑައަޅާފައެވެ. ކޮވިޑް-19ގެ ފެށުން ކަމުގައިވި ޗައިނާގެ ހޫބޭ ޕްރޮވިންސްގައި މި ރޯގާ ފެތުރޭ މިންވަރު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ވިލާތާ އޭޝިއާ އަދި އެމެރިކާ ބައްރުގައި މިކަމަށް ހައްލެއް ލިބިފައެއް ނުވެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އެކި މަސައްކަތްތައް ކުރަމުން ދާއިރު، މި ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގައިގެން ފަތުރަމުންދާ ދޮގު ޚަބަރުގެ 'ރޯގާ'އާ ވެސް ކުރިމަތިލާން އަދު މިވަނީ ޖެހިފައެވެ.

އަދުގެ ހާލަތަށް ބަލާއިރު ކޮވިޑް-19 ނުރައްކާ ދަރަޖައަކަށް ފެތުރެމުންދަނީ އިޓަލީވިލާތުގައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެގައުމުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާއިރުވެސް ސިލްސިލާ ގޮތެއްގައި ދޮގު ޚަބަރުތައް ދަނީ ފެންމަތިވަމުންނެވެ. އެހެންކަމުން، މި ބަލާލަނީ އެފަދަ ބައެއް ވާހަކަތަކަށެވެ.

އަސްކަރިއްޔާ މަގުތަކަށް

އިޓަލީވިލާތުގެ މަސްރަހު ސޯޝަލް މީޑިއާގައި އެންމެ ހަލުވިކަމާއެކު ވައިރަލްވެގެންދިޔަ އެއް މަންޒަރަކީ ފަޅުވެފައިވާ މަގުތައް މަތީގައި އަސްކަރިއްޔާގެ ފައުޖުތައް ރުކުރުވާލާފައިވާތީ ފެންނަ މަންޒަރުތަކެވެ. އެއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޖަލުތަކުގައި ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ހިންގާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއް ކަމަށްވެސް އެ މަންޒަރުތަކާއެކު ދީފައިވާ މެސެޖުގައި ބުނެފައެވެ.

ނަމަވެސް، މިއީ އަދި މުޅިން ހަގީގަތެއް ނޫނެވެ. އާނއެކެވެ. އިޓަލީވިލާތުގެ މަގުމަތީގައި އެ ބުނާ ސަރަހައްދުގައި އަސްކަރިއްޔާއިން ހަރަކާތްތެރިވިއެވެ. އަދި ފިޔަވަޅުތަކާ ގުޅިގެން ޖަލުތަކުގައި ހަމަނުޖެހުންވެސް ހިންގިއެވެ. ނަމަވެސް ތަސްވީރުން ފެންނަ އެއްޗަކާ ހިނގަމުންދިޔަ ހަމަނުޖެހުންތަކާ ގުޅުމެއް ނެތެވެ.

ކޮވިޑް-19އާއި ގުޅިގެން އިޓަލީވިލާތުގެ މިލާން ފުރިހަމަ ލޮކްޑައުންއަކަށް ގެނައުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

އިޓަލީވިލާތުގެ އަސްކަރިއްޔާއިންވަނީ، އެ މަންޒަރުތަކުން ފެންނަ އަސްކަރީ ފައުޖުތަކަކީ އަސްކަރީ ތަމްރީނެއް ނިންމުމަށްފަހު އެނބުރި ބޭސްއަށް ރުޖޫއަވަމުންދިޔަ ފައުޖުތަކެއްކަން ކަށަވަރުކޮށްދީފައެވެ. އަދި އެއީ އެއްވެސް ހާލެއްގައި، ޖަލުގައި ހިންގަމުންދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ރުކުރުވަމުންދިޔަ ސަފުތަކެއް ނޫންކަންވެސް އަސްކަރިއްޔާއިންވަނީ ކަށަވަރުކޮށްދީފައެވެ.

ކޮވިޑް-19އަށް ހާއްސަ ވެކްސިންއެއް ވިއްކަން ފެށުން

މިވާހަކަ ފެންމަތިވެގެން އައީ ފަތުރުވެރިންގެ މަގުބޫލު ވެނިސްއާއިވީ ސަރަހައްދުގެ ފިހާރަތަކާ ގެތަކަށް ބަހަމުން ދިޔަ ލުއިފޮތްތަކަކުންވެ.

އެ ލުއިފޮތް ބުނާ ގޮތުގައި ކޮވިޑް-19އަށް ވެކްސިންއެއް އުފެއްދުނު ހަމައެކަނި ގައުމަކީ އޮސްޓްރޭލިއާއެވެ. އަދި އެ ވެކްސިން ގަނެވުނު ހަމައެކަނި ގައުމީ ސުވިޓްޒަލަންޑްއެވެ.

އޮސްޓްރޭލިއާއިން އުފެއްދި ކަމަށް ބުނާ ވެކްސިންގެ 6 ޑޯޒް ފުރިހަމަ ކޮށްފިނަމަ އެ އަހަރު ދުވަހު އެމީހަކު ކޮވިޑް-19އިން ސަލާމަތްވާނެ ކަމަށް ބުނެފައިވެއެވެ. 50 ޔޫރޯއަށް ވިއްކާ މި ވެކްސިން ގަތުމުގެ ފުރުސަތު، އީމެއިލް މެދުވެރިކޮށް ހުޅުވާލާފައި އޮތް ކަމަށްވެސް އެ ލުއިފޮތުގައި ބުނެފައި އޮތެވެ.

ވެކްސިން އުފެއްދުމަށް ބޭނުންވާ ބެކްޓީރިއާ އުފެއްދުމުގެ މަރުހަލާގެ ތެރެއިން/ފޮޓޯ: ބީބީސީ

ކޮންމެ ގޮތަކަށްވެސް ބަޔަކު ވާހަކައެއް ފަތުރަފާނެއެވެ. ހަގީގަތަކީ ކޮވިޑް-19އަށް ކާމިޔާބު ކަމާއެކު އަދި އެއްވެސް ވެކްސިންއެއްވެސް އަދި ހާއްސަ ފަރުވާއެއްވެސް ހޯދިފައި ނުވާކަމެވެ. އެންމެ އަވަހަށްވެސް ވެކްސިންއެއް ތައްޔާރުކުރެވޭ ވަރުވާނީ މިއަހަރުގެ މެދަކާ ހިސާބުގައި ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ލުނބޯ ޖޫހުގެ ތޯތޯ ވާހަކަ

އެވެނި، މިވެނި ގޮތެއް ހަދައިގެން ކޮވިޑް-19 ނުޖެހޭނެ ކަމަށް ބުނާ ވާހަކަތަކަކީ މިއަދު އާ ވާހަކައެއް ނޫނެވެ. މިއީ ބޯދާ ވިސްނުން ގެންގުޅޭ ބަޔަކު އުޅޭ ގައުމުތަކުން އާންމުކޮށް ފެންމަތިވާ ޒާތުގެ ވާހަކަތަކެއް ނަމަވެސް، އެންމެ ކުރިއަރާފައިވާކަމަށް ވަކާލާތުކުރާ ވިލާތު ބައްރުންވެސް މިފަދަ ވާހަކަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން އިޓަލީވިލާތުން ފެންމަތިވި ލުނބޯ ހުތު ޖޫހުގެ ވާހަކަވެސް މި ލިސްޓުން ޖާގަ ހޯދައެވެ.

ލުނބޯހުތު ޖޫހުގެ ވާހަކަ ހަވާލާދެމުންދަނީ ޗައިނާގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކާއެވެ. އޭނާ ބުނާ ގޮތުންނަމަ ވީހާވެސް ގިނައިން ހަށިގަނޑަށް ވިޓަމިން-ސީ އިތުރުކުރަންޖެހެއެވެ. މިކަމާ ހަވާލާދީ ދެކެވޭ ބައެއް ތޯތޯ ވާހަކަތަކަށް ބަލާއިރު، ހޫނު ބުއިމަކަށް ލުނބޯ ހުތް އަޅައިގެން ބުއިމުން ކޮވިޑް-19 އިން ސަލާމަތްވެވެއެވެ.

ލުނބޯ ފެން

މިއީ ހަގީގަތެއް ނޫންކަމަށް ބުނެވޭނެ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، މި ވާހަކަ ހަވާލާދޭ ޕްރޮފެސަރުގެ ނަމެވެ. ޗައިނާ ބަހުން އޮތް މި ނަން، އިނގިރޭސި ބަހަށް މާނަ ކުރުމުން ދޭހަވަނީ "ކަލެއް ކިއަނީ ކޮން ނަމެއް" މިހެންނެވެ. ދެވަނަ ކަމަކީ އެމީހާ މަސައްކަތްކުރާ ޔުނިވާސިޓީ ކަމަށް ބުނާ ޔުނިވާސިޓީއަކީ ހަގީގަތުގައި ޗައިނާގައި ހިންގާވެސް ޔުނިވާސިޓީއަކަށް ނުވާ ކަމެވެ. އަނެއް ކަމަކީ ހޫނު ބުއިމަކަށް ލުނބޯ ހުތް އަޅައިގެން ބޯން ބުނި ޕްރޮފެސަރަކީ މީގެ ކުރިން ކެންސަރު ބައްޔާ ގުޅިގެންވެސް އޮޅުން އަރާ ފަދަ ވާހަކަތަކެއް ފެތުރި މީހަކަށް ވާކެމެވެ.

ހަގީގީ ހާލަތަށް ބަލާއިރު ލުނބޯ ޖޫސް ނުވަތަ ގިނަ އަދަދަކަށް ހަށިގަނޑަށް ވިޓަމިން-ސީ އެތުރެކުރުމަކީ ކޮވިޑް-19 ހުއްޓުވާދޭ ކަމެއްކަން ސާބިތުކުރާނެ ހެއްކެއް އަދި ނެތެވެ.

މިއީ ރާއްޖޭގައިވެސް ހުއްޓުވިފައި ނުވާ މައްސަލައެކެވެ. ސޯޝަލް މީޑިއާގެ ހުރިހާ ބާރެއް އިނގިލިތަކުގެ ކުރީގައި އޮތްއިރު އެ ބާރުތަކުގެ ބޭނުން ކުރަނީ އެންމެ ޒިންމާދާރު ގޮތެއްގައި ތޯ ކޮންމެ މީހަކުވެސް ކަށަވަރު ކުރަންޖެހެއެވެ. ތިމާ ކިތަންމެ އިތުބާރު ކުރާ މީހަކާ ހިސާބުން ވާހަކައެއް އައި ކަމުގައި ވީ ނަމަވެސް، އެއީ އެމީހާގެ އަމިއްލަ ގާބިލިއްޔަތުކަމުން ބުނި ވާހަކައެއް ނޫން ކަމުގައި ވަނީ ނަމަ، އެ މީހަކު އެ ވާހަކައެއް ހޯދީ ސައްހަ މަސްދަރަކުންތޯ ކަށަވަރު ކުރަންޖެހެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫނެވެ. އަދި އެންމެ ސައްހަ މައުލޫމާތެއްވެސް ނޫނެވެ. އެހެންކަމުން، ކޮވިޑް-19 ފަދަ، ދުނިޔެ ބަނަކޮށްލި ބަލިމަޑުކަމެއްގައި އޮތް މި ދުވަސްވަރު ލިބޭ މެސެޖުތަކާ މައުލޫމާތު ހިއްސާކުރުމުގައި ފަރުދީ ޒިންމާ އަދާކުރައްވާށެވެ. އެއީ މިފަދަ ދަނޑިވަޅެއްގައި، އަނެކުންނަށްޓަކައި ތިބާއަށް ކޮށްދެވޭނެ އެންމެ އަގު ބޮޑު އެއް ޚިދުމަތް ކަމުގައިވެސް ވެދާނެއެވެ.