ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެންނަ މިންވަރު އިތުރު ވަމުންދާ އެމެރިކާގައި އެ ރޯގާ ކޮންޓްރޯލްކޮށް، އެކަމާ ކުރިމަތިލުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ވައިޓް ހައުސްގައި ހުންނަވާ ޓީވީ މެދުވެރިކުރައްވާ ގައުމާ މުހާތަބުކުރައްވާ ތަގުރީރު ކުރައްވަމުން ޓްރަމްޕް ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވަމުންދާ ތަކުލީފުތަކުން އަރައިގަތުމަށްޓަކައި، ޓެކްސް ކުޑަކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާ ދިނުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިލާންޖެހިދާނެ ހީނަރުކަމަށް ވިސްނަވާ، އެފަދަ ފަރާތްތަކަށް ލޯނުގެ ގޮތުގައި އެތައް ބިލިއަން ޑޮލަރު ދޫކުރެއްވުމަށް ފާސްކުރައްވާފައިވާކަންވެސް ޓްރަމްޕް ވަނީ އިއުލާންކުރައްވާފައެވެ.

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1300އަށްވުރެ މައްޗަށް އަރާފައިވާއިރު، އެ ގައުމުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާ، އިތުރަށް ބަލި 'އިމްޕޯޓް' ވިޔަ ނުދިނުމަށްޓަކައި އަޅާ ހަރުކަށިފިޔަވަޅުތަކެއްގެ ވާހަކަވެސް ޓްރަމްޕް ވަނީ ހިއްސާކުރައްވާފައެވެ.

މިއީ ރައްޔިތުން ހިމާޔަތް ކުރުމުގައި ޕްރައިވެޓް ސެކްޓާ ކުންފުނީގެ ހިއްސާއާއި ޒިންމާ އިތުރު ކުރުމަށް އެޅުއްވި ފިޔަވަޅެއްކަންވެސް ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، އަންނަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ވިލާތުގެ އެއްވެސް ގައުމަކުން ދެން އެމެރިކާއަށް ދަތުރު ނުކުރެވޭ ކަމަށާ، 30 ދުވަހުގެ މުއްދަތަކަށް މިކަން ތަންފީޒު ކުރެވިގެންދާނެކަން ޓްރަމްޕް ވަނީ އިއުލާންކުރައްވާފައެވެ. ކަންމިހެން އޮތް ނަމަވެސް، ކޮންމެހެން ކުރަންޖެހިއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުން އެމެރިކާއަށް ދަތުރުކުރެވޭނެ ކަންވެސް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

އެމެރިކާއިން ކޮވިޑް-19އަށް ޓެސްޓުކުރާ ކިޓް ލިބުމުގައި ސަޕްލައިއަށްވުރެ ޑިމާންޑް އިތުރުވަމުން އަންނަ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.