އިލެކްޝަން ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރާ ވާހަކަ ނުދައްކާ ކަމަށް އީސީން ބުނެފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ލަފާ ދިނުމަށް އެކުލަވާލައިފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވި އިރު އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ، މިހާރު ދިމާވެފައިވާ ކޮރޯނާވައިރަސްގެ ހާލަތުގައި ބައެއް ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަން ދަތުރުކުރުމުގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން ކަމަށް ވަނީ އެނގިފައެވެ.

އަދި ކުރިއަށް އޮތް އިންތިހާބު ފަސްކުރަން މަޝްވަރާ ނުކުރެވޭކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ގައުމީ ލަފާދޭ ކޮމެޓީގެ މިރޭގެ ބައްދަލުވުން ބާއްވާފައިވަނީ ނޫސްވެރިން ނުވައްދައެވެ. އެހެން ބައްދަލުވުންތަކުގައި ނޫސްވެރިން ވެއްދި ނަމަވެސް މިރޭ ނޫސްވެރިން ނުވައްދާ ކުރިއަށް ގެންދިޔައީ މިހާރު ދިމާވެފައިވާ ކޮރޯނާވައިރަސްގެ ހާލަތާ ގުޅިގެން އިންތިހާބު ފަސްކުރަން މަޝްވްރާ ކުރާނެތީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ.

އަދި އިންތިހާބު ފަސްނުކޮށް ކުރިއަށް ގެންދާތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ކުރިއަށް އޮތް ލޯކަލްކައުސިން އިންތިހާބުގައި 2000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ އިރު، ވޯޓުލާ މަރުކަޒުތަކަށް މީހުން ޖަމާވެ ހަދާއިރު، ދުނިޔޭގެ އެކި ބައްރުތަކާ އެއްގޮތަށް ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އާންމު ސިއްހަތުގެ ނުރައްކާ ބޮޑުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަދި މިރޭ ޑަބްލިއުއެޗްއޯއިން ވަނީ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަކީ "ޕެންޑެމިކް" ނުވަތަ ބަލިމަޑުކަމެއްގެ ގޮތުގައިވެސް ކަނޑައަޅާފައެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެނދުނުވެސް ބާއްވާފައިވެއެވެ. އެބައްދަލުވުމުގައި އީސީގެ ކަންބޮޑުވުން އޮތީ އިންތިހާބު ލަސްކޮށް އަލުން ބާޢްވަން ޖެހިއްޖެ ނަމަ 30 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާތީ އެކަމުގައެވެ.