ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައި ވުމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށާއި ސްކޫލުތަކުގެ ކިޔެވުން ވެސް ބަންދު ކުރުމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް19 ވައިރަހުން ސަލާމަތް ވުމަކީ ގައުމީ ޒިންމާއެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ. އެގޮތުގެ މަތިން ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދު ތަކަށް ފުރިހަމައަށް ބޯލެނބުމަށް ޣައްސާން ވަނީ ގޮވާލައްވާފައެވެ. އޭނާ ވަނީ ގައުމު އިސްކޮށް ސްކޫލުތައް ބަންދު ކުރުމަށާއި ކައުންސިލް އިންތިހާބު ފަސް ކުރުމަށް ގޮވާލާފައެވެ.

ޣައްސާން އިންތިހާބު ފަސް ކުރުމަށް ގޮވާލިިއިރު އެމަނިކުފާނުގެ ބައްޕާފުޅު އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް، އަދި ކުރީގެ ރައީސް މައުމޫން ވެސް ވަނީ އިންތިހާބު ފަސްކުރުމަށް ގޮވާލާ އިއްޔެ ޓްވީޓެއް ކުރައްވާފައެވެ. ނަމަވެސް ގައްސާން ހިމެނިވަޑައިގަންނަވާ ޕީޕީއެމްއާ ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވަނީ އިންތިހާބު ފަސް ކުރުމަށް އެ ކޯލިޝަނުން ދެކޮޅު ކަމަށް ވިދާޅުވެފައެވެ.

އަބްދުއްރަހީމް ވަނީ އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވާ ތާރީހުގައި ބޭއްވުމަކީ އެ ކޯލިޝަނުން އެދޭ ގޮތް ކަމަށް ވިދާޅުވެފައެވެ. އިންތިހާބު ފަސް ކުރުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންވެސް ދެކޮޅެވެ. އެގޮތުން އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި އެމްޑީީޕީގެ ގިނަ މެންބަރުން ވަނީ އިންތިހާބު ފަސް ކުރުމާއި ދެކޮޅަށް ވާހަކަދައްކަވާފައެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.