ހަލުވި ކަމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅޭގޮތުން ސިއްހީ މާހިރުންނަށް އެ މީހުންގެ ޒިންމާ އަދާކުރުމަށް ސިޔާސީ މީހުން ގޮތްކިއުން ހުއްޓަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ ވިދާޅުވީ ކޮރޯނާރޯ އަކީ ސިއްހީ ދާއިރާގެ ތަޖުރިބާ ހުރި ބަޔަކު ފަރުވާތެރި ކަމާ އެކު މުޅި ދުނިޔޭންވެސް ބަލަމުން ފިޔަވަޅު އަޅަމުން ގެންދާ ކަމަކަށް ވާއިރު މިކަން ހައްލުކޮށް ފިޔަވަޅުތައް އެޅުން ސިއްހީ މީހުންނައް ދޫކޮށް ސިޔާސީ މީހުން ގޮތްކިއުން ހުއްޓަން ޖެހޭ ކަމަށެވެ. އަދި އިންތިހާބީ އުކުޅަކަށް ހެދުންވެސް ހުއްޓަން ޖެހޭކަމަށް މޫސަ ވަނީ ގޮވާލައްވާފައި ވެއެވެ.

އިއްޔެގެ މަޖިލީހުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން، އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ވަނީ ދެކޮޅު ހައްދާފައެވެ.

މިކަމާ ގުޅިގެން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވި ނަމަވެސް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ހަމަވެ އަލަށް ހޮވޭ ކައުންސިލަރުންނަށް މަގާމާ ހަވާލުވެވޭނީ ޖޫން މަހު ކަމަށާއި ބުއްދިވެރި ގޮތަކަށް ވާނީ ރައްޔިތުންގެ ރައްކަލަށްޓަކައި މި ދަނޑިވަޅު އިންތިހާބު ލަސްކުރުން ކަމަށެވެ.

އެމްޑީޕީގެ ބައެއް މެންބަރުން އިންތިހާބު ފަސްކުރުމާ ދެކޮޅު ހައްދަވާފައި ވާއިރު، ކޮވިޑް 19 އާ ގުޅިގެން ދަރުބާރުގޭގައި ބާއްވަމުންދާ ބައްދަލުވުންތަކުގައި، ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވަނީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރަނީ ސްކޫލްތައް ހުންނަ ސަރަހައްދެއް ނުވަތަ ސިޓީއެއްގެ ހާލަތު ބަދަލުވުމުން ކަމަށާއި އެ ހާލަތު ރާއްޖޭގައި އަދި ނެތް ކަމަށެވެ. އަދި ރާއްޖޭގައި ކޮރޯނާގެ ހަލަތު "ސީރިއަސް" ނޫން ކަމަށާއި ރައްޔިތުން ހާސްވެގެން އުޅެންވީ ހާލަތަށް ނުދާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮރޯނާ އާ ގުޅިގެން ކުޑަކުދިންގެ ބަަލިތަކުގެ ހާއްސަ ޑރ. އަބްދުﷲ ނިޔާފާއި މެޑިކަލް އެސޯސިއޭޝަނުން ވަނީ މި ވަގުތަށް ސްކޫލްތައް ބަންދު ކުރުމަށްވެސް ގޮވާލައިފައެވެ. ނަމަވެސް އެކަމަށް ސަރުކާރުން އަޅާނުލައި އެކްސްޓްރާ ކްލާސްތައްވެސް މިއަދު ވަނީ ބައެއް ސްކޫލުތަކުގައި ފަށާފައެވެ.

ކޮވިޑް 19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޖުމްލަ 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެއްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެކެވެ.

ކޮވިޑް 19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓް ވަނީ އޮރެންޖު އެލާޓަށް ޖައްސާފައެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.