މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން ބާއްވާ އެންމެ ވަރުގަދަ މިއުޒިކް އިވެންޓްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ކޯޗެލާ ގެ މިއަހަރުގެ އެޑިޝަން ބާއްވާ ތާރީހު ފަސްކޮށްފިއެވެ.

ކޯޗެލާ ފެސްޓިވަލް ފަސްކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ.

އަންނަ މަހު ކެލިފޯނިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް ކޯޗެލާ މިއުޒިކް ފެސްޓިވަލް ފަސްކޮށްފައިވާކަން ހާމަކުރަމުން، އިވެންޓް އިންތިޒާމުކުރާ ގޯލްޑަންވޮއިސްއިން ބުނީ، ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކުގެ އެދުމުގެ މަތިން، މިއަހަރުގެ ކޯޗެލާ ފެސްޓިވަލް ދެން އޮންނާނީ އޮކްޓޯބަރު މަހުކަމަށެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މި ރޯގާގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 28އަށް އަރާފައެވެ.

ކޯޗެލާ ވެލީ މިއުޒިކް އެންޑް އާޓްސް ފެސްޓިވަލްއަކީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނުވެރިންނާ ސެލެބްރިޓީން ބައިވެރިވާ ބޮޑު އިވެންޓެކެވެ. މިއަހަރުގެ ފެސްޓިވަލްގައި ޕާފޯމް ކުރަން ހުށަހެޅިފައިވާ ފަންނުވެރިންގެ ތެރޭގައި ޓްރެވިސް ސްކޮޓް، ކެލްވިން ހެރިސް އަދި ލާނާ ޑެލް ރޭ ހިމެނެއެވެ.

މިދިޔަ އަހަރުގެ ކޯޗެލާ ފެސްޓިވަލް ބެލުމަށް 250000 އަށްވުރެ ގިނަ މީހުން ވަނީ ޓިކެޓް ގަނެގެން ޒިޔާރަތްކޮށްފައެވެ.