އަފްގާނިސްތާނު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވާ ތޯލިބާން ހަނގުރާމަވެރިންގެ ތެރެއިން 1500 ހަނގުރާމަވެރިން މިނިވަން ކުރުމަށް ބާރުދޭ ގަރާރުގައި އަފްގާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ސޮއިކުރައްވައިފިއެވެ.

މި ގަރާރަކީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތާ އަފްގާނިސްތާނުގެ މައި ސަރުކާރާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފެށުމަށް މަގުފަހި ކުރާނެ ގަރާރެއް ކަމަށް ބެލެވެއެވެ. މިކަން ކާމިޔާބުވެއްޖެނަމަ، އަފްގާނިސްތާނުގައި 18 އަހަރަށް ދިގުލާ ގޮސްފައިވާ ހަނގުރާމަވެސް ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ.

މި އެއްބަސްވުމުގެ ދަށުން މިނިވަންކުރާ ތޯލިބާން ހަނގުރާމަވެރިންނަކީ ދެން ދުވަހަކުވެސް އެ މައިދާނަށް ނުނިކުންނާނެ ބައެއްކަމަށް އިގުރާރުވެ، ލިޔުމުން އެކަން ހުށަހަޅަންޖެހެއެވެ.

ޣަނީ ސޮއިކުރެއްވި ރިޔާސީ ގަރާރު ބުނާ ގޮތުގައި ތޯލިބާނު ގައިދީން މިނިވަން ކުރުމަށް ހަމަޖެހިފައިވަނީ ވަކި ނިޒާމެއްގެ ތެރެއިންނެވެ. ނަމަވެސް ކުރިއަށް އޮތް 4 ވަރަކަށް ދުވަހުގެ ތެރޭގައި މިމަސައްކަތް ފެށިގެންދާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.

ޖަލުތަކުގައި ތިބި ހަނގުރާމަވެރިންނާ ހަނގުރާމަވެރިންގެ އަތްދަށަށް ގެންގޮސްފައިވާ އަސީރުން މިނިވަން ކުރުމަކީ، އަފްގާނިސްތާނުގެ ސުލްހައަށް މަގުފަހި ކުރުމުގެ ގޮތުން ތޯލިބާން ހަނގުރާމަވެރިންނާ އެމެރިކާއާއި ދެމެދު ދާދިފަހުން އެކުލަވާލި އެއްބަސްވުމުގައި ހިމަނާފައިވާ ކަމެކެވެ.