ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ދިމާވަމުންދާ ހީނަރުކަމުން ސަލާމަތްވާން، މިހާރު ނަގަމުންދާ ޓެކްސްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

މިހާރު ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދާ އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ވައިރަސް އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދު ހީނަރުވަމުން ދާ ކަމަށާއި، އެކަންކަން ފޫބެއްދުމަށް މިވަގުތަށް ހުރިހާ ޓެކްސްއެއް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މިހާރު ނެގުމަށް ތައްޔާރުވަމުން ދާ އިންކަން ޓެކްސް ނެގުން އަހަރެއްހާ ދުވަހަށް މަޑު ޖައްސާލުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރަށް އިގުތިސޯދު ހަމަޔަކަށް އަޅުވަން ނޭނގޭނެ ކަމަށާއި، މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެންވެސް ސާފު މައުލޫމާތު ރައްޔިތުންނަށް ހާމަ ކުރުމުގައި ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައި މިވާ ނާޒުރު ދަނޑިވަޅުގައި، ގައުމުގެ ރައީސް އާއި ނައިބު ރައީސް ވީ ކޮންތާކުތޯ އައްސަވާ އަބްދުއްރަހީމް ވަނީ ފާޑުވިދާލުވެފައެވެ. އަދި މިހާރު ސަރުކާރުގެ ފަރާތުން މައުލޫމާތު ފެތުރުމުގައި އުޅެނީ ރައީސް އޮފީހުގެ ވަރަށް އާދައިގެ މުވައްޒަފެއް ކަމަށާއި، ހެލްތު މިނިސްޓަު އަމީނާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ގެއްލިއްޖެ ކަމަށެވެ.

ކޮރޯނާ ވައިރަސް މެނޭޖު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި ކޮރޯނާ ފެތުރެން މެދުވެރިވީ ސަރުކާރުގެ ނާގާބިލު ކަމުން ކަމަށާއި އިޓަލީގެ ފަތުރުވެރިޔާއަށް ފުރައިގެން ދެވުނީ އެހެންވެގެން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރު ރާއްޖެއަށް ދިމާވެފައި މިވާ ހާލަތުގައި ސަރުކާރުން އެދުނު ކޮންމެ ކަމެއްގައި އިދިކޮޅުން އެހީތެރިވެ ދޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އިދިކޮޅުގެ އެހީތެރިކަމަށް އެދި ވާހަކަ ނުދައްކާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަށް މިހާރު ވަނީ 6 މީހުން ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން މި ބަލި ފެނުމުގައި އެންމެ ފުރަތަމަ ފާހަގަވި އިޓަލީ ފަތުރުވެރިއަކީ ޅ. ކުރެއްދޫ ރިސޯޓުގައި ހުރި ފަތުރުވެރިއެކެވެ. އޭނާގެ ހަށިގަނޑުން ބަލި ފެނި، ފުރަން މާލެ އައިސް މާލޭގެ މަގިރި ހޮޓަލުގައި 2 ދުވަހު ހުރުމާއި، އެމިރޭޓްސް ޓިކެޓިން އޮފީހަށް ގޮސްފައި ވުމާއި، އޭނާގެ ފަރާތުން ވައިރަސް ފެތުރިދާނެ ހާލަތުތަކެއް ހިނގައިދިއުމަށް މެދުވެރިވި އިރު ކަމާބެހޭ ފަރާތްތަކަށް ނޭނގި އޮތުމުން، ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.