ދާދިފަހުން ސޯޝަލް މީޑިއާގައި ވައިރަލް ވެގެންދިޔަ ފޮޓޯތަކަކީ އުމުރުން އެންމެ 6 މަހުގެ ތުއްތު އަންހެން ކުއްޖަކު ހާޕީޒްގެ ޝިކާރައަކަށްވެފައިވާ މަންޒަރުތައް ދައްކުވާދޭ ފޮޓޯތަކެކެވެ.

ހާޕީޒް އަކީ ޖިންސީ ގުނަވަނުގައި އުފެދޭ ޖަރާސީމަކުން ޖައްސާ ނުރައްކާތެރި ބައްޔެކެވެ. މި ބައްޔަށް ހާއްސަ ފަރުވާއެއް ހޯދިފައި ނުވާއިރު، މިއީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހައިން އަރާ ބައްޔެކެވެ. ހާޕީޒްއަށް އިންފެކްޓްވާ މީހެއްގެ ޖިންސީ ގުނަވަނުގެ އިތުރުން ހަށިގަނުގެ އެކި ހިސާބުތަކުގައި ފޮޅު ޒާތުގެ ބިހިތަކެއް ނަގާ ގޮތްވެއެވެ.

އުމުރުން އެންމެ 6 މަހުގެ އޮއާލާގެ ހަށިގަނޑުންވެސް ފެނުނީ މިފަދަ ނިޝާންތަކެކެވެ. އޭނާގެ މަންމަ ވަކަލާތު ކުރާ ގޮތުން ނަމަ އެ ދަރިފުޅުގެ ގަޔަށް ހާޕީޒްގެ އިންފެކްޝަން ޖެހިފައިވަނީ އެ ވައިރަހުގެ އަސަރު ހުރި މީހަކު އެ ދަރިފުޅާ ގައިގޯޅިކޮށް ބޮސްދީ ހެދުމުގެ ސަބަބުންނެވެ.

ފަހަރެއްގައި އެމީހަކު އެކަމެއް ކުރީ މައުސޫމު ލޯތްބެއްގެ ސަބަބުން ކަމަށްވެދާނެއެވެ. އަދި ބަލި ހުރިކަން މުޅިން ނޭނގި ހުރި ހާލެއްގައި ކަމަށްވެސް ވެދާނެއެވެ. އޮއާލާގެ އުމުރުން މިހާރު 15 މަސް ފުރިފައިވާއިރު އޭނާ ވަނީ އެ ބަލިން ސަލާމަތްވެފައެވެ. ނަމަވެސް އޭނާގެ މަންމަގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމަށް ކުޑަ ނަމަވެސް ލުޔެއް ނުލިބެއެވެ. އެއްވެސް މީހަކު އެ ދަރިފުޅާ ގާތްވިޔަކަ ނުދެއެވެ.

މައިމީހާގެ އަތްތިލައިގެ ތެރޭގައި ތުއްތުކުއްޖެއްގެ ދެފައިތިލަ/ފޮޓޯ: ބީންގް ހިއުމަން ފެސްޓިވަލް

ކޮންމެ ގޮތަކަށް ހަގީގަތް އޮތް ކަމުގައި ވީ ނަމަވެސް، އަލަށް އުފަންވާ ކުދިންނާ، ތުއްތު ކުދިންގެ ގާތަށް ޒިޔާރަތް ކުރުމުގައި، ދެން ތިބި މީހުން ސަމާލުކަން ދޭންޖެހެއެވެ. ވަކިން ފާހަގަކުރެވޭ 7 ކަމެއް ހިއްސާކުރާނަމަވެ.

  1. ގައިން ގަޔަށް އެރުމުގެ ފުރުސަތު އޮތް އެއްވެސް ބައްޔެއް ޖެހިފައި ހުރެގެން ނުވަތަ އެފަދަ އަލާމާތެއް ފެންނަ ނަމަ އެއްވެސް ގޮތަށް ކުއްޖާ ގާތަށް ނުވަތަ އެކުއްޖާގެ މައިންބަފައިން ގާތަށް ޒިޔާރަތް ނުކުރުން
  2. އަލަށް އުފަންވާ ކުއްޖާގެ މައިންބަފައިންނަށް ފަސޭހަ ގަޑިއެއްގައި ނޫނީ ޒިޔާރަތް ނުކުރުން
  3. ތުއްތު ކުއްޖާގެ ގައިގައި އަތްލަންވާނީ ބެލެނިވެރިންގެ ހުއްދަ ހޯދުމަށްފަހު. އަދި މި ގޮތަށް އަތްލަންވާނީ ރަނގަޅަށް އަތް ދޮވެ، ސެނިޓައިޒާއަކުންވެސް އަތް ސާފުކޮށްގެން
  4. އެއްވެސް ހާލެއްގައި އެ ތުއްތު ކުއްޖާ ގައިގޯޅިކޮށް، މޫނާ ގާތްކޮށް، ބޮސްދީ ހަދައިގެން ނުވާނެ
  5. އަލަށް އުފަންވާ ކުދިންގެ ފޮޓޯ ނެގުމުގެ ކުރިން ބެލެނިވެރިންގެ ހުއްދަ ހޯދުން. ހުއްދަ ލިބުނު ކަމުގައި ވީ ނަމަވެސް ފްލޭޝްއާއި ނުލާ ފޮޓޯ ނެގުން.
  6. ކުޑަކުދިން ގޮވައިގެން އަލަށް އުފަންވާ ކުދިން ގާތަށް ޒިޔާރަތް ނުކުރުން
  7. ހުއްދަ ހޯދައިގެން ޒިޔާރަތް ކުރި ކަމުގައި ވީ ނަމަވެސް، އުނދަގުލަކަށް ވެދާނެހާ ގިނައިރު އެ ތަނުގައި މަޑުނުކުރުން

މިއިން ކަމަކަށް ބެލެނިވެރިން ނުރުހުމަކީ އެމީހުންނަށް އޮތް ހައްގެކެވެ. އެއީ އަލަށް އުފަންވާ ދަރިފުޅުގެ ސިއްހަތާވެސް ގުޅިފައި އޮތް ކަމެކެވެ. އެހެންކަމުން، އެފަދަ ނިންމުންތަކަށް އިހުތިރާމު ކުރުމަކީ އަނެކާއަށްޓަކައި ތިބާއަށް އަދާކޮށްދެވޭ މުހިންމު ޒިންމާއެކެވެ. ލުއި ފަސޭހަ ޒިންމާއެކެވެ. އެހެންނަމެވެސް، ބުރަދަނާ، އަގުގެ ގޮތުންބަލާއިރު ބޮޑު ޒިންމާއެކެވެ.