އަފްގާނިސްތާނުގައި ކުރަމުންދާ 18 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގުފަހިކުރުމަށް ބާރުދޭ ގޮތަށް އެމެރިކާ އަސްކަރިއްޔާއާއި، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތާ ދެމެދު މިދިޔަ ފެބުރުވަރީ މަހުގެ ފަހުކޮޅު އެކުލަވާލި ސުލްހައިގެ އެއްބަސްވުން ބަލައިގަތުމަށް އދގެ ސަލާމަތީ މަޖިލީހުގައި ވޯޓަކަށް ދިއުމަށް އެމެރިކާއިން ގޮވާލައިފިއެވެ.

ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހުގެ އެއްބަސްވުމާއެކު އެމެރިކާއިން މިހާރުވަނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ ފައުޖުތައް އެގައުމުން ބޭލުމުގެ މަސައްކަތްވެސް ފަށާފައެވެ.

ތޯލިބާން ހަނގުރާމަވެރިންނާ އެމެރިކާއާއި ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމަކީ އެމެރިކާގެ ތާރީހުގައި އެގައުމުން ކުރި އެންމެ ދިގު ހަނގުރާމައަށް ނިމުން ގެނުވާނެ އެއްބަސްވުމެކެވެ. މި އެއްބަސްވުން ބުނާ ގޮތުގައި، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކުގެ އިތުރުން ނޭޓޯގެ އަސްކަރީ ފައުޖުތައްވެސް، އެއްބަސްވުމުގެ ތަރީހުން ފެށިގެން 14 މަސްދުވަހުގެ ތެރޭގައި އަފްގާނިސްތާނުން ފައިބަންޖެހެއެވެ.

ހަމަމިއާއެކު އެމެރިކާގެ ސަލާމަތަށް ނުރައްކާ ކުރިމަތިކުރުވާ އެއްވެސް ޒާތެއްގެ އޮޕަރޭޝަނެއް އަފްގާނިސްތާނުގެ ފަސްގަނޑުގައި ހިންގިޔަ ނުދިނުމަށް ތޯލިބާނުންގެ ފަރާތުންވެސް އެއްބާރުލުންދޭ މާއްދާއެއް މި އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.

ކަންމިހެން އޮތްއިރު އަފްގާނިސްތާނުގެ ދާހިލީ މަސްރަހުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލު ކުރުމަށް މިއަދުގެ ވަގުތެއްގައި މަޝްވަރާތައް ފަށާނެ ކަމަށް ޚަބަރު ލިބެއެވެ. ތޯލިބާނުން ވަނީ، އަފްގާނިސްތާނުގެ ސަރުކާރަކީ ގައިރު ގާނޫނީ ސަރުކާރެއް ކަމަށް ބުނެ، އަފްގާނިސްތާނުގެ ސަރުކާރާ މަޝްވަރާކުރުމަށް މީގެ ކުރިން އިންކާރުކޮށްފައެވެ. އަދި އަފްގާނިސްތާނުގެ ސަރުކާރުންވެސް ވަނީ ސުލްހައިގެ މަޝްވަރާތަކަށް ތޯލިބާނުން ކަނޑައަޅާފައިވާ ޝަރުތުތައް ބަލައިގަތުމަށް އިންކާރުކޮށްފައެވެ.