ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގާތް ކޮންޓެކްޓެއްވެ، ޝައްކުކުރެވިގެން އަމިއްލައަށް ކަރަންޓީނަށް ގޮސްފައިވާ ފަރާތްތަކަކާ ވަރަށް ގާތުގައި ހުންނަވާ ސަލާމް ކުރެއްވި ކަމުގައި ވީ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކޮވިޑް-19އަށް ޓެސްޓު ކުރައްވާފައި އަދި ނު ވާކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

އަމިއްލައަށް ކަރަންޓީނަށް ވަޑައިގެންފައިވާ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ޓްރަމްޕް ސަލްމާތް ކުރެއްވި މަންޒަރުތައްވެސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކޮވިޑް-19އަށް ޝައްކު ކުރެވިގެން އަމިއްލައަށް ކަރަންޓީނަށް ވަޑައިގެންފައި ވަނީ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަންސް މެމްބަރު ޑަގް ކޮލިންސްއާއި މެޓް ގެއީޓްޒްއެވެ. އެ 2 މެމްބަރުންވެސް ކަރަންޓީނަށް ވަޑައިގެންނެވީ ކޮވިޑް-19އަށް ޕޮޒިޓިވްވި ބަޔަކާ ހުސްވި މަހު ވަރަށް ގާތުން ކޮންޓެކްޓް ވެފައިވާކަން އެނގިވަޑައިގެންނެވި ހިސާބުންނެވެ.

މެމްބަރު ކޮލިންސްއާއި ޓްރަމްޕް ސަލާމް ކުރައްވާފައިވަނީ އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރޮވެންޝަންއަށް ޓްރަމްޕް ކުރެއްވި ޒިޔާރަތުގެ ތެރޭގައެވެ. މެމްބަރު ގެއީޓްޒްއާއި ޓްރަމްޕް ބައްދަލުވެވަޑައިގެންފައިވަނީ ރިޔާސީ ކާރުކޮޅުގެ ތެރެއިންނެވެ. މީގެ އިތުރުން މިދިޔަ ހޯމަ ދުވަހު ދެ ބޭފުޅުން އެކުގައި އެއާފޯސް ވަން ނުވަތަ ރިޔާސީ މަތިންދާބޯޓުގައި ދަތުރުކުރެއްވި ކަމަށްވެސް ޚަބަރު ލިބެއެވެ.

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް ޓްރަމްޕް ދާދި ފަހުން އައްޔަން ކުރެއްވި ނޯތް ކެރޮލައިނާގެ ރިޕަބްލިކަން ރެޕްރެޒެންޓޭޓިވް މާކް މެޑޯޒްވެސް މިވަގުތު ހުންނެވި އަމިއްލައަށް ކަރަންޓީނަށް ވަޑައިގެން ކަމަށް ޚަބަރު ލިބެއެވެ.

ކަންމިހެން އޮތް ނަމަވެސް ވައިޓް ހައުސްއިން ބުނީ ޓްރަމްޕްގެ ހުންނެވީ ސިއްހީ ގޮތުން ބަލާއިރު އެންމެ ދުޅަހެޔޮ ހާލުގައި ކަމަށާ، ޑޮކްޓަރަކު މިހާރުވެސް ގެންދަވަނީ ޓްރަމްޕްގެ ސިއްހީ ހާލުކޮޅު ވަރަށް ގާތުން މޮނިޓާ ކުރަމުން ކަމަށެވެ.

އެމެރިކާގެ ސީޑީސީއިން އާންމުކޮށްފައިވާ ގައިޑްލައިން ބުނާ ގޮތުގައި، ކޮވިޑް-19އަށް މީހަކު ޓެސްޓުކުރާނީ އެމީހެއްގެ ހަށިގަނޑުން ބަލީގެ އަލާމަތްތައް ފެނުމާ، އެ ވައިރަހަށް ހުށަހެޅިފައިވުމުގެ ތާރީހެއް އޮތްތޯ ބެލުމަށް ފަހުގައެވެ.

ކަންމިހެން އޮތްއިރު، މިދިޔަ މަހުގެ ފަހުކޮޅު ޓްރަމްޕް ވަނީ ކޮވިޑް-19ގެ ކޭސްތަކެއް ފެންމަތިވަމުންދާ އިންޑިއާއަށްވެސް ހުސްވި މަހުގެ ފަހުކޮޅު ޒިޔާރަތް ކުރައްވާފައެވެ.