އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އެގައުމުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގެ މައްސަލާގައި، ހައްދުފަހަނައަޅާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތުގެ ގޮތްޕަކާ ގުޅުން އޮންނަ ކަމަށް ޝައްކުކުރެވޭ ދެ މީހަކު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީއިން ހައްޔަރުކޮށްފިއެވެ.

އިންޑިއާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލީސް (ސްޕެޝަލް ސެލް) ޕްރަމޫދު ސިންހް ކުޝްވާތު ވިދާޅުވީ، ހައްޔަރުކޮށްފައިވާ 2 މީހުންނަކީ ޖަހާންޖީބު ސާމީ ނަމަކަށް ކިއާ ފިރިހެނަކާ، ހާނީ ބަޝީރު ބޭގް ނަމަކަށް ކިއާ އަންހެނެއް ކަމަށާ، އެއީ ދެމަފިރިން ކަމަށެވެ.

ފެބުރުވަރީ މަހުގެ ފަހުކޮޅު ދިއްލީގައި ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް ހަރަކާތްތެރިވީ ހިންދޫ ޖަމާއަތްތަކުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ހަމަނުޖެހުންތަކުގައި 50 މީހެއްގެ ފުރާނަ ގެއްލި، އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލެއް އިންޑިއާގެ ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.