ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް އަރައިފިއެވެ.
އިންޑިއާގެ އެކި ހިސާބުތަކުން ކޮވިޑް-19ގެ އަސަރު ހުރި ޕޭޝަންޓުން ފެންނަމުންދާއިރު، ޖައްމުއާއި ކަޝްމީރު ސަރަހައްދުންވެސް މި ރޯގާއަށް ޕޮޒިޓިވްވެފައިވާ މީހަކު ހުރިކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
ޖައްމުއާއި ކަޝްމީރު ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށާ، އެމީހަކީ އީރާނަށް ދަތުރުކުރި ކަމުގެ ރެކޯޑް އޮތް މީހެއް ކަމަށް ޚަބަރު ލިބެއެވެ. މިއީ ކޮވިޑް-19 ހުރިކަމަށް ޖައްމުއާއި ކަޝްމީރުން ޝައްކުކުރި 2 މީހުންގެ ތެރެއިން 1 އެވެ. އަނެއް މީހާއާއި ބެހޭ އަދި ނުލިބެއެވެ.
ޖައްމުއާއި ކަޝްމީރުން ޕޮޒިޓިވްވި މީހާ އައިސޮލޭޓްކޮށްފައިވަނީ ގަވަމަންޓް މެޑިކަލް ކޮލެޖު (ޖީއެމްސީ)ގައި ކަމަށާ، އެމީހާގެ ހާލު ސްޓޭބަލް ކަމަށް އޮފިޝަލުން ވަނީ ހާމަކުރައްވާފައެވެ.
ގިނަ އަދަދަކަށް ދިވެހިން ދަތުރުކުރާ ކޮޗިންއިންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ. ކޮޗިންއިން އެންމެ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން އެންމެ 3 އަހަރުގެ ކުއްޖެއް ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު ކޯޗީ ސްޓޭޓުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 9އަށް އަރާފައެވެ. އެންމެ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވި 3 އަހަރުގެ ފިރިހެން ކުއްޖަކީ، އޭނާގެ އާއިލާއާއިއެކު އިޓަލީވިލާތަށް ދަތުރުކުރުމަށްފަހު މާޗް 7 ވަނަ ދުވަހު އިންޑިއާއަށް އައި ކުއްޖެއް ކަމަށް މައުލުމާތު ލިބެއެވެ. މިކުއްޖާގެ މަންމައާއި ބައްޕަވެސް މިހާރު ހުރީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި، އައޮސޮލޭޓް ކުރެވިފައެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި އާއިލާ ދަތުރުކުރި ފްލައިޓްއިން ދަތުރުކުރި އެހެން ފަސެންޖަރުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ކެރެލާ ސްޓޭޓް ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ކުރައްވަން ހަމަޖެހިފައިވާ ބައެއް ދަތުރުތައްވެސް ކެންސަލް ކުރައްވާފައިވާކަމުގެ ޚަބަރުތައް މިހާރު ދަނީ ތިލަވަމުންނެވެ. އެގޮތުން ބަންގްލަދޭޝްއިން ކޮވިޑް-19 ފެނިފައިވާއިރު، ބަންގްލަދޭޝްއަށް މޯދީކުރައްވަން އޮތް ދަތުރުފުޅު ކުރިއަށް ނުގެންދަވާނެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިންޑިއާއަކީ ގިނަ އަދަދަކަށް ދިވެހިން ދަތުރުކުރާ މަންޒިލެކެވެ. އަދި ދުވާލަކު އެތައް ފަސެންޖަރުންނެއް އެ ގައުމުން ރާއްޖެއަށް އެތެރެވާ ގައުމެކެވެ. ކަންމިހެން އޮތް ނަމަވެސް، އިންޑިއާއިން ރާއްޖެ އަންނަ ދަތުރުތައް ހުއްޓާލުމަށް އަދި އެއްވެސް އިރުޝާދެއް އާންމުކޮށްފައެއް ނުވެއެވެ.