އޭޝިއާގެ ބާޒާރުގައި ތެލުގެ އަގު މިއަދު 20 ޕަސެންޓްއަށްވުރެ ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއާއެކު މުރާސިލުންވަނީ، ތެލުގެ އަގުގެ ހަނގުރާމައެއް ފެށިފައިވާކަމުގެ އިންޒާރު ދީފައެވެ.

ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރަމުންދާ ސައުދީ އަރަބިއްޔާއިން ތެލުގެ އަގު ހެޔޮ ކުރީ ހަފުތާ ބަންދު ތެރޭގައެވެ. އެއީ ރަޝިއާއިން ތެޔޮ އުފައްދާ މިންވަރު މަދުކޮށްދިނުމަށް ސައުދީއިން ރަޝިއާގެ ކިބައިގައި އެދުނު އެދުމަށް ރަޝިއާއިން އިޖާބަ ނުދިނުމުގެ ސަބަބުންނެވެ.

ތެލުގެ ބާޒާރުގެ އަގުތައް ހުރި ގޮތަށް ބަލާއިރު އެވަރޭޖުކޮށް ތެޔޮ ފީފާއެއްގެ އަގު މިހާރު އުޅެނީ ގާތްގަނޑަކަށް 35.84 ޑޮލަރަށެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބާޒާރަށް ބަލާއިރު އޭޝިއާއަކީ އެންމެ ވަރުގަދަ އިމްޕޯޓަރުން ތިބި ސަރަހައްދެވެ. އެގޮތުން ޗައިނާ، ޖަޕާނު، ދެކުނު ކޮރެއާ އަދި އިންޑިއާ ފާހަގަކުރެވެއެވެ.

ތެލުގެ އަގުތައް ދަށަށް ގޮސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް ޑިމާންޑަށްވުރެ ސަޕްލައި އިތުރުވެގެންނެވެ. ސަޕްލައި އިތުރުވެފައިވަނީ އިރުމަތީ އޭޝިއާގެ ބޮޑެތި ގައުމުތަކުގެ އިގުތިސޯދީ އަދި ސިނާއީ މަސައްކަތްތައް މަޑުޖެހިފައި އޮތުމުގެ ސަބަބުންނެވެ. އިގުތިސޯދީ އަދި ސިނާއީ އުފެއްދުންތެރިކަން މަޑުޖެހިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ، އަދާ ޖެހުނުއިރުވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އެވެ.