ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އައުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާމެދު ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރާނެ ކަމަށާއި ގޮތެއް ނިންމާނީ އެއަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން "ދަޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށާއި އެކަމުގައި ސަރުކާރުން ގޮތެއް ނިންމާނީ އެންމެންގެ ހިޔާލާއެކު ކަމަށެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ އެކަމުގައި މަޝްވަރާގެ މަތިން ސަރުކާރުން ގޮތެއް ނިންމި ނަމަވެސް، ފަހުގެ ނިންމުން ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި މި ދަނޑިވަޅުގައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ލިބިގެންދާކަން ފާހަގަ ކުރައްވައި، ސިޔާސީ ޕާޓީތަކަށް އަލީ ވަހީދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ބޭއްވުމަށް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވާއިރު، ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ކެމްޕޭންވެސް މަޑުޖައްސާލާފައެވެ. އެގޮތުން އެމްޑީޕީން ކެމްޕޭންގެ އަމަލީ މަސައްކަތްތަށް ހުއްޓާލައި، އޮންލައިންކޮށް ފަށާފައި ވާއިރު، ޕީޕީއެމް އިން ވަނީ ކެމްޕޭން ހަރަކާތްތައް ހުއްޓާލާފައެވެ. އަދި ޖުމްހޫރީ ޕާޓީން ހުކުރު ދުވަހު ބޭއްވުމަށް ނިންމި އެ ޕާޓީ ކައުންސިލް ކެމްޕޭން ލޯންޗިން ޖަލްސާވެސް ވަނީ ފަސްކޮށްފަ އެވެ.