ކޮވިޑް 19 އާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް، ސްޕޯކްސަޕާސަނެއްގެ ގޮތުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން އޭނާ ހަމަޖެއްސީ މިހާރު ދިމާވެފައިވާ ކޮރޯނާވައިރަސްގެ ހާލަތުގައި ހާމަ ކުރަންޖެހޭ މައުލޫމާތު ހާމަ ކުރެއްވުމަށެވެ.

ހަލުވިކަމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅޭ ކަންކަމުގެ ސައްހަ މައުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނާ ހިއްސާ ކުރުމާއި، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރަމުން ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ކަމާބެހޭ އިދާރާތަރުގެ ކިބައިން އެދިވަޑައިގެންފައެވެ.

ފެތުރެމުންދާ ކޮރޯނާ ވައިރަހަށް، ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ 2 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށް ރޭ ވަނީ ކޮރޯނާގެ ޓާސްކްފޯސްއިން އިއުލާނު ކޮށްފައެވެ. އަދި ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަ އިޓަލީ މީހާގެ ފަރާތުން ކޮރޯނާ ފެނިފައި ވާއިރު، ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުންވެސް ކޮރޯނާގެ އަލާމާތްތައް ވަނީ ފެނިފައެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައި ވާއިރު އޭނާ ވަނީ ވައިރަހަށް ނެގެޓިވް ވެފައެވެ. އަދި ކޮވިޑް19 ގެ އަލާމާތްތައް ހުރެގެން ސަމާ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި 7 މީހުންވެސް ވަނީ ކޯވިޑް19 އަށް ނެގަޓިވް ވެފައެވެ.

ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި 2 މީހަކު ޕޮސިޓިވް ވި މިއީ ފުރަތަމަ ކޭސްއެވެ.