މިއަހަރުގެ އޭޕްރިލް މަހު ރިލީޒް ކުރަން ހަމަޖެހިފައި އޮތް ޖޭމްސް ބޮންޑް ފްރެންޗައިޒްގެ 25 ވަނަ ފިލްމް " ނޯ ޓައިމް ޓު ޑައި" ނޮވެމްބަރު މަހަށް ލަސްފަކޮށްފައިވާއިރު، މިކަމުގެ ސަބަބުން އެމްޖީއެމް ސްޓޫޑިއޯއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ވާނެ ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެފިއެވެ.
ފިލްމު ރިލިޒްކުރަން ހަމަޖެއްސި ތާރީޚު ފަސްކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހަލުވިކަމާއެކު ފެތުރިގެންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ކަމަށް ވަނީ ހާމަކޮށްފައެވެ.
ނޮވެމްބަރު މަހަށް ފިލްމު ރިލީޒް ފަސްކުރުމުން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް ބުނާއިރު، ކުރިން ހަމަޖެހިފައި އޮތް ތާރީޚުގައި ފިލްމު އަޅުވައިފިނަމަ ލިބޭ މާލީ ގެއްލުން މާ ބޮޑުވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
ގްލޯބަލް ބޮކްސް އޮފީހުގައި "ނޯ ޓައިމް ޓު ޑައި"އަށް 1 ބިލިއަން ޑޮލަރު ޖެހޭނެކަމާށް ލަފާކޮށްފައިވާއިރު، އޭޕްރިލް މަހު ފިލްމު އަޅުވައިފިނަމަ 300 މިލިއަނެއްހާ ޑޮލަރުގެ ގެއްލުންވާނެ ކަމަށް ފިލްމީ ދާއިރާގެ ތަޖުރިބާކާރުން އިއްތިފާގުވެއެވެ.
ބޮންޑްގެ ކެރެކްޓަރުން މަޝްހޫރު ބަތޮލް ޑެނިއަލް ކްރެއިގް ފެނިގެންދާނެ އެންމެ ފަހު ފިލްމަކީ، މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ އެއް ފިލްމެވެ.