އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކުގެ މައްސަލަ އެންމެ ބޮޑުވެފައިވަނީ ޕާކިސްތާނުގައިކަން، އދއިން އެކުލަވާލި ރިޕޯޓަކުން ހާމަވެއްޖެއެވެ.
ތަރައްގީއާއި ބެހޭ އދގެ މަޝްރޫއު (ޔޫއެންޑީޕީ)އިން އާންމުކޮށްފައިވާ ޖެންޑާ ސޯޝަލް ނޯމްސް އިންޑެކްސްއިން ދައްކާ ގޮތުގައި އަންހެނުންނާ މެދު ނޭދެވޭ ތަފާތުކުރުންތައް އެންމެ ބޮޑުވެފައިވާ ގައުމަކީ ޕާކިސްތާނެވެ.
މި ރިޕޯޓް އެކުލަވާލާފައިވަނީ ދުނިޔޭގެ ޖުމުލަ އާބާދީގެ 80 ޕަސެންޓް ހިއްސާކުރާ 75 ގައުމަކުން މައުލޫމާތު އެއްކޮށްގެންނެވެ. މި ރިޕޯޓް އެކުލަވާލުމުގައި މައިގަނޑު ގޮތެއްގައި ވަޒަންކޮށްފައިވަނީ، އިޖުތިމާއީ ގަބޫލުތައް ހުރި/ނެތް ގޮތުގެ ސަބަބުން، ސިޔާސީ، މަސައްކަތު އަދި ތައުލީމީ މައިދާނުގައި ދެ ޖިންސުގެ ހަމަހަމަކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތޯއެވެ.
ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރި ސުވާލުތަކުގެ ތެރޭގައި ސިޔާސީ އަދި ވިޔަފާރީގެ މައިދާނުގެ ކަންކަން އިސްކޮށް ހިންގުމުގައި އަންހެނުންނަށްވުރެ ފިރިހެނުން މޮޅުތޯއާއި، ޔުނިވާސިޓީ ތައުލީމު ހޯދަން ދާން އަންހެނުންނަށްވުރެ ފިރިހެނުންނަށް މުހިންމުތޯއާއި، ވާދަވެރި ވަޒީފާގެ ބާޒާރުގައި ފިރިހެނުންނަށް ހާއްސަ އިމްތިޔާޒުތަކެއް ލިއްބައިދޭންޖެހޭތޯ ބެލުން ފަދަ ސުވާލުތައް ހިމެނުނެވެ.
މިފަދަ 6 ސުވާލެއް ހިމަނައިގެން ކުރިއަށް ގެންދިޔަ ސާވޭގެ ނަތީޖާއަށް ބަލާއިރު، ޕާކިސްތާނުގެ އާބާދީގެ 99.81 ޕަސެންޓް މީހުންނަކީ މިއިން ކޮންމެ 1 ސުވާލެއްގެ ޖަވާބުގައި ޖިންސީ ތަފާތުކުރުންތައް އޮންނަންޖެހޭ ކަމަށް ބުނި މީހުންކަން ފާހަގަކުރަންޖެހެއެވެ.
ޕާކިސްތާނަށް ފަހު މި ލިސްޓުގައި ދެން އޮތީ ގަތަރާއި ނައިޖިރިއާއެވެ. ޖިންސީ ފަރަގު އޮންނަންޖެހޭ ކަމަށް މި ގައުމުތަކުގެ އާބާދީގެ 99.73 ޕަސެންޓް މީހުން ބުނެފައިވާކަމަށް ޔޫއެންޑީޕީގެ ރެކޯޑުން ދައްކައެވެ.
މާޗް މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް އާންމުކޮށްފައިވާ ރިޕޯޓުން ކުރަހާދިން ތަސްވީރަކީ، މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު 90 ޕަސެންޓް އަންހެނުންނަކީ ޖިންސީ ތަފާތުކުރުންތަކުގެ ސަބަބުން ނޭދެވޭ 1 ކަންތައް ނަމަވެސް ތަހައްމަލުކުރަންޖެހިފައިވާކަން އަންގައިދޭ ތަސްވީރެއް ކަމަށް ބުނެވެއެވެ.
އަންހެނުންނާ މެދު ތަފާތުކުރުން ގެންގުޅެން ނުޖެހޭ ކަމަށް ގަބޫލުކުރާ މީހުން އެންމެ ގިނައީ އެންޑޯރާގައެވެ. ތަފާތުކުރުން އޮންނަންޖެހޭ ކަމަށް އެންޑޯރާއިން ގަބޫލުކުރަނީ އާބާދީގެ އެންމެ 27.01 ޕަސެންޓް މީހުން ކަމަށްވާއިރު މި އެންޑޯރާގެ ފަހަތުން މި ލިސްޓުގައި ދެން އޮތީ ސްވީޑަންއާއި ނެދަލަންޑްސްއެވެ.