ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވައިފިއެވެ.

ރޭ މުލިއާގޭގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސްގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ރައީސް ކޮވިޑް 19 އާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި އެ ބައްދަލުވުމުގައި ރައީސް ވަނީ، އިޓަލީ ވިލާތުން ފުރައިގެން ނުވަތަ އެ ގައުމުގައި ޓްރާންސިޓްކޮށްފައި އަންނަ އެއްވެސް ދަތުރުވެރިއަކު، އަދި ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ ޤައުމަށް ޒިޔާރަތްކޮށްފައިވާ އެއްވެސް ދަތުރުވެރިއަކު ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރަން، ކަމާބެހޭ އިދާރާތަކުގެ ލަފާގެ މަތިން ނިންމަވާފައެވެ.

އެގޮތަށް އަމަލުކުރަން ނިންމަވާފައިވަނީ، މިރޭ މެންދަމު 12:00އިން ފެށިގެންނެވެ. މީގެ އިތުރުންވެސް ކޯވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ރައީސް ވަނީ ރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެ ބައްޔާއިގުޅޭ ހުރިހާ ކަމަކަށްވެސް ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ވަރަށް ބޮޑަށް ފާރަވެރިވެ، އެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދެވުމަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން، ދިވެހި ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ކުރެވެންހުރި ހުރިހާ ކަމަކަށް އިސްކަންދެއްވައި، އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިއަށް ގެންދިއުމާއި މޮނިޓާކުރުމުގެ ކަންކަމަށް ހާއްސަނ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވައި، އެމަނިކުފާނު ވަނީ ކަމާބެހޭ އިދާރާތަކުގެ އިސްވެރީންނަށް އިރުޝާދު ދެއްވާފައެވެ.

އަދި، އެ ބައްޔާއިގުޅޭ ކަންކަމުގެ ސައްހަ މައުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނާއި ހިއްސާ ކުރުމާއި، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރައްވަމުން ގެންދެވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ރައީސް އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމަށްފަހު، އެ ބައްޔާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުންވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، މިނިސްޓާ އޮފް ޓޫރިޒަމް އަލީ ވަހީދާއި މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވަނީ، ކޯވިޑް-19 ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އިޓަލީ ވިލާތުން ފުރައިގެން އަންނަ އެއްވެސް ދަތުރުވެރިއަކު ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމައި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކުރީއާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ބައިވެރިވެ ވަޑައިގެންނެވިއެވެ.